މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ހަބަރަކީ ތެދެއް ނޫން ކަމަށާއި އަދި އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނޭ ވާހަކައެއް ވެސް ނުމެނޫން ކަމަށެވެ. އެހެންކަމުން ދީނާއި މުޖުތަމައުގެ މަސްލަހަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެކަމާ މެދު މަސްލަހަތުވެރީން ދެކޭ ގޮތް އޮޅުންފިލުވަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް ކަމަށާއި އޭގެ ކުރީން އެ ވާހަކައެއްގެ ހަގީގަތަކީ ކޮބައިތޯ ބަލާން ޖެހޭނެ ކަމަށެވެ. އިސްލާމް ދީނުގައި ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.
“މުސްލިމުންނަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބައެއް ނޫނެވެ. މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބައެކެވެ. އެގޮތަށް ބަސްބުނެ އުޅުމުން މާތް ﷲ އެއުރެންގެ އަމަލުތައް އިސްލާހުކުރައްވައި ފާފަފުއްސަވާނެތެވެ..،” ހުތުބާ
ހުތުބާގައި ބުނީ ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައި އުޅޭ ކަމަށާއި އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދު ނޫން ކަމަށެވެ. އަދި މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެއްކަން ހުތުބާގައި ފާހަގަކުރިއެވެ.
“މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެކެވެ. އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް އާންމުވެފައެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް އަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެކެވެ..،” ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުން ނުބަލާ ކަމަށާއި އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯ ކަމަށެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނުކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލާ ކަމަށް ހުތުބާގައި ބުންޏެވެ.
ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ފަތުރައި ނޫޅުމަށް ނަސޭހަތްތެރިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު