ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލާޝިޕް ދޭން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި ކަމަށެވެ.
“އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް،” ރައީސް ވިދާޅުވި އެވެ.
އެގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މުޅި މުބާރާތުން އެ 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
” މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެ،” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު