މި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓު ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނާއި ކަސްޓަމްސްގެ މުވައްޒަފުން ގުޅިގެންނެވެ.
މޯލްޑިވްސް ކަސްޓަމްސްއާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުންނެވެ. އެއީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ.
މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވެއެވެެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު