އީރާނަށް އަނެއްކާވެސް ހަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ތައްޔާރުވާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މީޑިއާގެ އެކި ވަސީލަތްތަކުން މިވާހަކަ ދައްކަމުން އެބަ ގެންދެއެވެ. އަދި “ވަރަށް އަވަހަށް” ހަމަލާ ދޭނޭ ކަމަށްވެސް ބުނަމުން އެބަ ގެންދެއެވެ.
އެމެރިކާއިން މިހާރުވަނީ، ބޮންއަޅާ އެންމެ ވަރުގަދަ ބޯޓުގެ 8 ބޯޓު ޔޫރަޕަށް ފުރުވާލާފައެވެ. އޭގެ ގިނަ ބޯޓުތައް ދާނީ އިނގިރޭސިވިލާތަށް ކަމަށް ވެއެވެ.
މި ބާވަތުގެ ބޮންއަޅާ ބޯޓުތައް އެންމެފަހުން އެމެރިކާއިން ފޮނުވި ފަހަރު، އެމެރިކާއާއި އިސްރާއީލު ގުޅިގެންވަނީ އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދިނީ، އިސްރާއީލުން އާދޭސްކޮށްގެންނެވެ. ނަމަވެސް، އީރާނުން އިސްރާއީލަށް ދިން ވަރުގަދަ ރައްދު ހަމަލާތައް ވެގެންދިޔައީ އިސްރާއީލާއި އެމެރިކާއަށްވެސް ސިހުންގެނުވި ހަމަލާތަކަކަށެވެ.
އިސްރާއީލުގެ އެއަރ ޑިފެންސް ވަރުގަދަ ކުރުމުގެ މަސައްކަތް އެމެރިކާއިން ކޮށްދީ، އިތުރު ސިސްޓަމްތައް މިފަހުން ފޮނުވާފައި ވެއެވެ. ކުރިން ހީކުރެވުނު ވަރަށްވުރެ އެތައްގުނަ ބޮޑުކޮށް އީރާނުން އިސްރާއީލުގެ އަސްކަރީ ސައިޓްތަކަށް ގެއްލުން ދީފައިވާކަން މިފަހުން ހާމަވެފައިވާ ސެޓެލައިޓް ފޮޓޯތަކުން އެނގިގެން ގޮސްފައި ވެއެވެ.
އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ނާގާބިލްކަން އެނގި މުޅި ދުނިޔެއަށް ބޭޒާރުވިއެވެ. އިސްރާއީލުން އުޅެނީ އެ ގެއްލުންތައް ފޫބެއްދުމަށެވެ.
އެމެރިކާގައި މިހާރު ހުރި މުޖުރިމު ނަތަންޔާހޫއާއި، އެމެރިކާގެ ރައީސް ޓްރަމްޕް މިއަދު ބައްދަލުކުރާނެއެވެ.
އެމީހުން ސައްލާކުރާ ކަންކަމުގެ ތެރޭގައި އީރާނަށް ހަމަލާދިނުމުގެ ވާހަކަ ހިމެނޭ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫ ބުނާހާގޮތެއް ޓްރަމްޕް ހަދާނެކަން އެނގޭތީއެވެ.
އަރަބި ވެރިން ހައްލާލައިގެން ޣައްޒާ ހަނގުރާމަ ހުއްޓުވަން ޕްލޭނެއް ހަދައިގެން އުޅޭ ޓްރަމްޕް، މަސައްކަތް ކުރަނީ ޣައްޒާގެ ވެރިކަން އެހެން ބަޔަކާ ހަވާލު ކުރުމަށެވެ. މިއީވެސްނަތަންޔާހޫ ރުހޭގޮތަށް އެކަން ކުރުމުގެ ޕްލޭނެކެވެ.
އެމެރިކާގެ އެހީގައި އީރާނަށް ހަމަލާދޭން ނަތަންޔާހޫ އަނެއްކާވެސް އުޅެނީ، އިސްރާއީލުން ބޭނުންވީމާ ލުބުނާނާއި، ސޫރިޔާއާއި، ޔަމަނަށް ގޮސް ބޮންއަޅަމުންދާ އުސޫލުން އީރާނަށް ހަމަލާ ނުދެވޭތީ އީރާނު އިނދަޖައްސާލުމަށެވެ.
އީރާނުގެ ވެރިންނާއި، އަސްކަރީ ކޮމާންޑަރުން ވިދާޅުވަމުން ގެންދަނީ، އިސްރާއީލުން އީރާނަށް ދެން އެފަދަ ހަމަލާއެއް ދީފިނަމަ، އިސްރާއީލު ވުޖޫދުންވެސް ނެތިގެންދާނެ ވަރުގަދަ ރައްދުތަކެއް އަންނާނެ ކަމަށެވެ.
އީރާނު އަސްކަރިއްޔާ މިހާރު އޮތީ ކުރިން އޮތް ވަރަށް ވުރެންވެސް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
އެގޮތުން، އެއަރ ޑިފެންސް ސިސްޓަމްތަކާއި، ޒަމާނީ އައު ޖެޓުތައް ގަނެ، މިހާރު ތިބީ ތައްޔާރީ ހާލަތުގައެވެ.
ކިޔުންތެރިންގެ ހިޔާލު