ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްގީކޮށް، ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދެއްވައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރަކީ “ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޯމޭޝަން” ކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމުކަމާއި، ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލެއް ބިނާކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިމަގަށް، މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެފައިނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް، ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
މި ފުރުޞަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރައްވައި އެބޭފުޅުންގެ ޚިދުމަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު