ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ޓްރަމްޕްގެ އައު ޕްލޭން: އަންގަނީ ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ކަމަށް، ނަތަންޔާހޫ ބުނަނީ ހަނގުރާމަ ކުރިއަށް އަދިއޮތީ ކަމަށް

އެމެރިކާގެ ރައީސް ޓްރަމްޕް (ވ) އަދި މުޖުރިމު ނަތަންޔާހޫ:

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓުވަން އައު ޕްލޭނެއް ހުށަހަޅާފައެވެ.

އިހަށްދުވަހުން ފެށިގެން ޓްރަމްޕް ބުނަމުން ގެންދަނީ، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށާއި، އެކަން މިފަހަރު ކުރާނޭ ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ 80 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވި ބައެއް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނާ ޓްރަމްޕްވަނީ ބައްދަލުކޮށް، މަޝްވަރާތަކެއް ބާއްވާފައެވެ. ޓްރަމްޕް ބުނެފައިވަނީ، އެއީ ޣައްޒާ ހަނގުރާމަ ހުއްޓުވޭނެ ގައުމުތައް ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މިސްރު، އުރުދުން، އިންޑޮނޭޝިޔާ އަދި ޕާކިސްތާނުގެ ލީޑަރުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މިވަނީ، އޭނާގެ 21 ނުކުތާ ހިމެނޭ ޕްލޭން، އިސްރާއީލަށާއި، ބައްދަލުވުމުގައި ބައިވެރިވި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުވާފައެވެ.

ޓްރަމްޕްގެ ޕްލޭންގެ މާބޮޑު ތަފްސީލެއް މީޑިއާއަށް އަދި ތިލަވެފައެއް ނުވެއެވެ. އެހެންނަމަވެސް، އިސްރާއީލުގެ “ޓައިމްސް އޮފް އިޒްރޭލް” އިން ބުނެފައިވަނީ، ޓްރަމްޕްގެ ޕްލޭންގެ ކޮޕީއެއް އެމީހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހުން ހާމަކޮށްފައިވާ ބައެއް ކަންކަމަކީ، އެމެރިކާއާއި ޓްރަމްޕްވެސް މީގެކުރިން ދެކޮޅު ހަދަމުންދިޔަ ބައެއް ކަންކަމެވެ.

އޭގެތެރޭގައި، ޣައްޒާގެ ރައްޔިތުން ޣައްޒާގައި ގާއިމްވެ ތިބުމުގެ ނުކުތާ ހިމެނެއެވެ. އެމެރިކާގެ ރައީސް ކުރިން ބުނަމުންގެންދިޔައީ ޣައްޒާ ހުސްކޮށްލަންޖެހޭ ކަމަށެވެ.

މި ޕްލޭންގައި، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތާވަލެއް ހިމަނާފައި ވެއެވެ. އެގޮތުން، ފަލަސްތީނުގެ ވެރިކަމުގެ އިދާރާ، ފަލަސްތީނިއަން އޮތޯރިޓީ އިސްލާހް ކުރުމާއި، ޣައްޒާ އަލުން ބިނާކުރުން ހިމެނެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަކީ ޓްރަމްޕް ކުރިން ދެކޮޅު ހަދަމުންދިޔަ ކަމެކެވެ.

އަނެއް ކަމަކީ، ފަލަސްތީނިއަން އޮތޯރިޓީ އިސްލާހް ކުރެވެންދެން ޣައްޒާގައި ވެރިކަން ކުރާނީ އަރަބި އަދި ޔޫރަޕްގެ ބައިވެރިންނާ މަޝްވަރާކޮށްގެން އެމެރިކާއިން އުފައްދާފައިވާ އައު ބައިނަލްއަގްވާމީ ޖަމާއަތަކުން ސުޕަވައިޒްކުރާ ފަލަސްތީނުގެ ޓެކްނޮކްރެޓުންގެ އިންތިގާލީ ސަރުކާރަކުން ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، ހަމާސްއަތުން ހަތިޔާރު އަތުލުމާއި، ޣައްޒާއަކީ ޑިމިލިޓަރައިޒް ރަށެއްގެގޮތުގައި ހެދުންވެސް ހިމެނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުންގެންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދިޔަކަ ނުދޭނޭ ކަމަށެވެ. އޭނާގެ މުޅި ސިޔާސީ ހަޔާތް ބިނާކޮށްފައިވަނީ އެކަން ވިޔަނުދިނުމުގެ މައްޗަށް ކަމަށްވެސް ނަތަންޔާހޫ ބުނަމުން ގޮސްފައި ވެއެވެ.

ނަތަންޔާހޫ މިހާރު އުފައްދައިގެން އުޅޭ ޒަޔަނިސްޓު ހަރުކަށި ސަރުކާރުގެ ހުރިހާ ވެރިންވެސް ފަލަސްތީނު ދައުލަތެއް އުފެއްދުމާ ދެކޮޅެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ރައީސް ޓްރަމްޕް، އައުޕްލޭނެއް ހަދައި ހުށަހެޅިއިރު، މުޖުރިމު ނަތަންޔާހޫ އިއްޔެވެސް އދގެ މަޖިލީހުގައި ބުނެފައިވަނީ “ޣައްޒާ ހަނގުރާމަ އަދިއޮތީ ކުރިއަށް” ކަމަށެވެ. އިސްރާއީލުގެ ހުރިހާ ރަހީނުން މިނިވަންކޮށްފައި ނޫނީ ހަނގުރާމަ ހުއްޓާނުލާނޭ ކަމަށްވެސް އޭނާ ތަކުރާރުކޮށް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕަށް، ނަތަންޔާހޫގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް މިހާރު ނޯންކަން އެންމެނަށްވެސް އެނގެއެވެ. ޓްރަމްޕް ބުނާގޮތެއް ނަތަންޔާހޫ ނުހަދާނެކަން ޚުދު ޓްރަމްޕްވެސް ގަބޫލުކުރެއެވެ.

ނަތަންޔާހޫ ހުއްޓުވަން އެމެރިކާގެ ރައީސަށް އޮތީ އެންމެ މަގެކެވެ. އެއީ، އިސްރާއީލަށް ކެނޑިނޭޅި އޮއްސަމުންގެންދާ ބޮމާއި، ހަތިޔާރު ދިނުން ހުއްޓާލުމެވެ. އެކަމަކު، އެމެރިކާގެ ސިޔާސީ މައިދާނުގައި ޔަހޫދީންގެ ނުފޫޒާއި، ފައިސާގެ ބާރު އަށަގެންފައި އޮތްވަރުން އެއީ، ޓްރަމްޕަށް ކުރެވިދާނެ ކަމެއް ކަމާމެދު ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްގެ ވަރުގަދަކަން ޓްރަމްޕަށްވެސް އެނގިއްޖެ، އެމެރިކާއާއި އިސްރާއީލު ސައިޒްކޮށްލީ އެކަނިމާއެކަނި

އަރަބި – އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ސަމިޓު އޮންނާނީ ދޯހާގައި ހޯމަދުވަހު: ގަތަރު

ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާއަށް ބޮޑު އަދަބެއް ދީފި، މޯދީއާއި ޓްރަމްޕް ރުޅިވީތަ؟

ވެނެޒުއެލާއިން ކަނޑުގެ ބޯޑަރަށް ސިފައިންގެ ފައުޖެއް ޖަމާކޮށްފި، ދިފާއީ ވަޒީރު ވިދާޅުވަނީ ނިކަން ރީތިކޮށް އެމެރިކާ ބަލިކުރާނޭ ކަމަށް

TTH_advertisement