ރަށްރަށުގައި ސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 20،000ރ. އިން 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އވެ.
ތ. ތިމަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިކަން އިއުލާން ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މަހު ކުއްޔަށް ދައްކަން ޖެހޭ އަދަދު 5،000ރ. މިހާރު 3،333ރ. އަށް ކުޑަކޮށް، ޑައުންޕޭމަންޓް 20،000ރ. އިން 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
“އަދި ގްރޭސް ޕީރިއަޑް [ކުލި ދައްކައި ހަލާސް ކުރަން ދޭ މުއްދަތު] ވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން.” ރައީސް ވިދާޅުވި އެވެ.
ފްލެޓްތަކުގެ ކުލި ކުޑަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމަށް ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ލުއި ލޯނުތަކެއް ވެސް ތައާރަފްކުރިއެވެ.
ކިޔުންތެރިންގެ ހިޔާލު