ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް މަގުފަހިކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކައުންސިލް އުފައްދަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކައުންސިލަކީ، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު “މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން” ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އުފައްދަވާފައިވާ ކައުންސިލެކެވެ. އެގޮތުން ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓަވާނެއެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ. ސަރުކާރުން “މޯލްޑިވްސް 2.0” ނަމުގައި ފަށައިފައިވާ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވީ، މިއަހަރު މޭއި މަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތް މިހާރު އޮތް ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މިމަސައްކަތުގެ ތެރެއިން އިސްކަން ދޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ހަމައެހެންމެ މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެކަމަށާއި، ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ، މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫންކަމަށާއި މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް 2.0 ވެގެންދާނީ މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތަކަށް: ރައީސް

ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި