ކާށިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެމީހަކު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން މި ހައްޔަރުކުރުން ހިންގާފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ރޭގަނޑު ކާށިދޫ އުތުރު އަވަށުގެ ވަލުތެރެއިންނެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ހައްޔަރުކުރީ ކާށިދޫ ސާދާގެ، އަޙްމަދު ފިރާގު، އުމުރުން 46 އަހަރުގެ ފިރިހެނަކާއި، ކާށިދޫ ޝަރަފްގޭ، ސާލިމް ނަޞީރު، އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އެމީހުންގެ ގައިގައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ 110 ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި ޕެކެޓްތަކުގައި ހުރި ތަކެތީގެ ޖުމްލަ ބަރުދަނަކީ 10.6 ގްރާމް ކަމަށް ވަގުތީ ގޮތުން ބެލިބެލުމުން އެނގިފައިވެއެވެ.
ހައްޔަރުކުރެވުނު ދެމީހުން ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ފިރާގުގެ ބަންދުގެ މުއްދަތު 7 ދުވަހަށް ކަނޑައަޅާފައިވާއިރު، ސާލިމް ނަޞީރު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. މި ދެމީހުންނާ ގުޅޭ މައްސަލައިގެ ތަޙުގީގު ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު