ފ. ނިލަންދޫގައި އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.
ނިލަންދޫގައި އެއާޕޯޓް އެޅުމުގެ އެއްްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއާޕޯޓެއް ތަރައްގީކުރުންކަމަށެވެ. ނިލަންދޫ އެއާޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާޕޯޓު އެޅުމަށް، ގާތްގަނޑަކަށް 1،500 މީޓަރު ދިގުމިނުގެ ރަންވޭއެއް އެޅޭ ގޮތަށް އެމްޓީސީސީން ބިން ހިއްކައި ނިންމަމުން އަންނަ ކަމަށެވެ. އިތުރު 300 މީޓަރުގެ ބިން ހިއްކަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު