ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން ކަމަށާއި ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއް ކަމަށެވެ. އަބުރު ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމަށާއި އެއީ ކޮންމެހެން ބަހުސެއް ވެސް ކުރަން އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
“ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން. އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށެވެ. އަދި ތެދު ޙަޤީޤަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ ކަމަށާއި އަދި ކޮންމެ އެއްޗެއްވެސް ލިޔެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ. ތެދު ޙަޤީޤަތާ އެއްގޮތަށް. އެހެންވީމާ، އެކަން ކުރާށޭ. އޭގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީކީ އަޅުގަނޑު ހިތުން ހަމަ ޔަޤީނުންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއްނޫން،” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު