ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެމާޖެންސީ އަރަބި އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
މި ސަމިޓް ބާއްވަން ނިންމާފައި ވަނީ ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ގަތަރުގެ ވެރިރަށް، ދޯހާއަށް ދިން ވައިގެ ހަމަލާއާ ގުޅިގެންނެވެ.
މި ހަމަލާދީފައިވަނީ އެގައުމުގައި ތިބި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށެވެ. އިސްރާއީލުން މި ހަމަލާދިން ވަގުތު ހަމާސްގެ މެމްބަރުން ތިބީ، އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށެވެ.
މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދި ފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ އާއި ޕަލަސްތީނާއި ވަށައިގެންވާ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ ނޭދެވާ އަމަލުތަކާއި ބެހޭ ގޮތުން، އިސްލާމީ ގައުމުތަކުގެ ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ޝައުގުވެރިވާ ކަމަށެވެ.
އަދި ރާއްޖެއިން ގަތަރަށް ތާއީދު ކުރާ ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ގަތަރުގެ ބޮޑުވަޒީރުގެ އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު ބިން މުހައްމަދު އަލް އަންސާރީ ގަތަރު ނިއުސް އެޖެންސީ (ކިއުއެންއޭ) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި އަދި އިސްލާމިކް ވަޒީރުންވެ ބައްދަލުވުމުގައި އިސްރާއީލުން ގަތަރަށް ދިން ހަމަލާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
އަދި މި ސަމިޓް މި ދަނޑިވަޅުގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މި ބައްދަލުވުމުން ގަތަރާއެކު ގައުމުތަކުން ބާއްވާ އަރަބި އަދި އިސްލާމީ އެއްބައިވަންތަކަން ހާމަވެގެންދާނެ ކަމަށެވެ.
އަންސާރީ ވިދާޅުވީ ދޯހާގައި ހުންނަ ހަމާސްގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ހަމަލާއަކީ އިސްރާއީލުން ހިންގި ނިރުބަވެރިކަމުގެ މިސާލެއް ކަމަށެވެ.
މި ހަމަލާގައި ހަމާސްގެ މެމްބަރަކު އަވަހާރަކޮށްނުލެވުނު ނަމަވެސް، އެ ހަމަލާގައި އިތުރު 5 މީހަކު ޝަހީދުކޮށްލި ކަމަށެވެ.
އިސްރާއީލުގެ މި ހަމަލާއަކީ ނާކާމިޔާބު ހަމަލާއެއް ކަމަށް ހަމާސްއިން ވެސް ހާމަކޮށްފައިވާއިރު، މި ހަމަލާއާއި ގުޅިގެން ގަތަރުން ވަނީ ހަމަލާތައް ހުއްޓާލުމުގެ މެދުވެރިއަކަށް އެގައުމުން ދެން ނުވާނެކަން އިއުލާނުކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު