މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ “ހުނަވަރު” ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއޭސީއެލްގެ “ހުނަވަރު” ޕްރޮގްރާމުގެ މަގުސަދަކީ މި ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ, އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުމެވެ.
އެމްއޭސީއެލް އިން ވިދާޅުވީ މި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށް ކަމަށެވެ.ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑްއެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، އަދި ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް އެމްއޭސީއެލް އިން ވިދާޅުވެފައި ވެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެންބަރު 15 ނިޔަލަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނީ ފޯމެއް ފުރިހަމަކުރާށެވެ.
ކިޔުންތެރިންގެ ހިޔާލު