ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި މިހާތަނަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި ދައުރުގެ ތެރޭގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އަދުގެ ސަރުކާރުން ފެށި، އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން ދެނެގަނެވި، އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށްވެސް އަބްދުލްމަޖީދު ވިދާޅުވިއެވެ.

އަބްދުލްމަޖީދު ވިދާޅުވީ މި ސަރުކާރު އައިއިރު ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ ކަމަށެވެ.

އެގޮތުން ދައުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާ ހުރި ކަމަށާއި ސަރުކާރުން ކުރި މަސައްކަތްތަކުން މިހާރު އޭގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ލިބިފައިވާ ކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ. މިއީވެސް ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“2023، 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ ފީ ގަވައިދުން ބަރާބަރަށް ނުދައްކާ އޮތުން. އެ މަސައްކަތް ފެށިއިރުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް އެހެންނަމަވެސް މިއަދާ ހަމައަށް 1.2 ބިލިއަން ރުފިޔާ ވަނީ ރިކަވާކުރެވިފައި، އެއީވެސް އަޅުގަނޑުމެންނަށް މި މައްސަލައަށް (ބިދޭސީންގެ މައްސަލަ) ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތެއް ކަމަށް އަޅުގަނޑު ފާހަގަކޮށްލަން” ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވިއެވެ.

ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ޚިދުމަތް ނުދޭން ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ނިންމިއެވެ. މިއާއެކު އެ ފަރާތްތަކުން ފީ ދައްކަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ރަޖިސްޓްރީކޮށްފައިވާ 68،251 ފަރާތެއްގެ ތެރެއިން 13،755 ފަރާތެއް ސަސްޕެންޑް ކުރި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ