ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން، ދެ ކުންފުންޏަކާ ހަވާލުކޮށް، ޢަމަލީ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ރަސްފަންނު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއެވެ.
ރަސްފަންނު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއާ ޙިއްސާކެއްވި މަޢުލޫމާތުގައިވާގޮތުން ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ޢިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މި މަސްތެރޭ ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހުގެ 14ވަނަ ދުވަހުއެވެ. އެމަނިކުފާނުވަނީ އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެތެރެއިން ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދާ ސަރަޙައްދެއްވެސް ތަރައްޤީކުރިއެވެ. އަދި ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ޕެވީލިއަންއަކާ ފުޑް ހަޓްތައްވެސް ޤާއިމްކުރިއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައ އެތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.
ސަރުކާރުން ރަސްފަންނަށް ގެންނަ ބަދަލާއެކު، އެތަން ބޭނުން ކުރާ މީހުންނަށް ހިތްފަސޭހަ މާޙައުލަކާއެކު، ބޭނުންވާ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރާނެއެވެ. ރަސްފަންނުވެފަވަނީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށެވެ. ޚާއްސަކޮށް ހަފްތާ ބަންދުގައި ތުއްތު ކުދިން ގޮވައިން އާއިލީ ހަރަކާތްތައް ބާއްވާ ސަރަޙައްދަކަށެވެ.
ކިޔުންތެރިންގެ ހިޔާލު