ނޫސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރައްސާރަކުރި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ މިނިވަން ނޫސްވެރިކަން ނައްތާލެވޭ ގޮތަށް އޮތް މީޑިއާ ކޮމިޝަން ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ރައީސް އޮފީހުން މުލިޔާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ވަނީ އެ މަނިކުފާނުގެ ފަހަތްޕުޅުން ގޮސް އެތައް ކަންބޮޑުވުމެއް ހިއްސާކޮށްފައެވެ.
https://twiter.com/abkhaleel/status/1961056793666433391
އެކަމާ ގުޅޭ ވީޑިއޯއެއް އާއްމުކުރައްވައި މިނިސްޓަރު ހަލީލް އެކްސްގައި ވަނީ ހައްގުތައް ހޯދުމަށް ނުކުތް ބައެއް ނޫސްވެރިން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް އެގޮތަށް ފުރައްސާރަކުރުން ހަމަ އެންމެ ރަނގަޅުތޯ ސުވާލު އުފައްދަވައިފައެވެ.
“މިއީ ހައްގުތަކަށް ވަކާލާތުކުރާ ބައެއްގެ އުޅުން ހުންނަންވީ ގޮތްތޯ؟ ދައުލަތުގެ މުޅި ނިޒާމް ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ވަކާލާތު ކުރާ އިރު، ނޫސްވެރި ކަމުގެ ޓެގް އަޅުވައިގެން ބައެއް ފަރާތްތަކުން އެކިއެކި މީސްމީހުންނާ އާއިލާތަކުގެ އަބުރު ކަތިލައި، ނަފްސާނީ އަނިޔާ ކުދި ދަރިންނަށް ދޭއިރު އެއީ ހައްދެއް ހުދޫދެއް ނެތް ކަމެއްގެ ގޮތުގައި ހަމަ ބާއްވާނީތޯ؟” ހަލީލް ސުވާލު އުފެއްދެވިއެވެ.
މިނިސްޓަރު ހަލީލް ވަނީ ނޫސްވެރިންނަށް ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެތޯއާމެދުވެސް ސުވާލު އުފައްދަވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު