ނެޓްފްލިކްސްގެ މަޝްހޫރު ”ވަން ޕީސް“ ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލާ، ރާއްޖެ އައިސްފިއެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ ރާއްޖެ އައިސްފައިވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަޤްޞަދުގައެވެ.
ސްކައިލަރ ރާއްޖޭގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ހޭދަކުރާނެއެވެ. މި މުއްދަތުގައި އޭނާ ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާނެއެވެ. މި ދަތުރުގައި އޭނާ ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 14 އަށް ރާއްޖޭގައި މަޑުކުރާނެއެވެ.
ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެއެވެ. އަދި ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ.
”ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާނެ“ ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްއިން މި ދަތުރު މެދުވެރިކޮށް، މުހިންމު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މީގެ ތެރޭގައި އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗަރ ފަތުރުވެރިންނަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު