ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ނެއްލައިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ. އަދި މި ސެންޓަރު ޤާއިމްކުރެވިގެންދިޔުމަކީ، ނެއްލައިދޫގެ ތަރައްޤީއަށް އިތުރުވެގެންދާ އައު ބޮޅެއް ވެސް މެއެވެ.
ކިޔުންތެރިންގެ ހިޔާލު