ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މުޅި ދުނިޔެ އަދި ޚާއްސަކޮށް އަރަބި ގައުމުތައް ބަލައިގަންނަ ވަރުގަދަ ސިޔާސަތެއް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޚަލީލް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ރައްޔިތުން އެދޭ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އަދި މި ސިޔާސަތުގެ ސަބަބުން ޢަރަބި އަދި އިސްލާމީ ޤައުމުތަކާއެކު ވަރުގަދަ ގުޅުންތައް ޤާއިމްކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެންދާކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އޭގެ ނަތީޖާއަކީ އަރަބި އިސްލާމީ ގައުމުތަކާއި ވަރުގަދަ ގުޅުންތައް ބޭއްވުމާއި، ފަލަސްތީނުގެ އިޝޫގައި އެންމެ ވަރުގަދަޔަށް މަސަތްކަތްކުރާ އެންމެ ކުޑަ ގައުމަކީ ދިވެހި ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގަތުން. ” – މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް
މިނިސްޓަރ ޚަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ވިލާތުގެ އެކި ގައުމުތަކުން ވެސް ޣައްޒާ އަދި ފަލަސްތީނުގެ ދިފާޢުގައި އަޑުއުފުލަން ފަށާފައިވެއެވެ.
އަދި މި ސިޔާސަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚާއްސަކޮށް އިސްލާމީ އެކި އެކި ގައުމުތަކުން ފަތުރުވެރިން އަންނަ އަދަދު އިތުވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ކަންބޮޑުވާ ދަރަޖައަކަށް ބައެއް ކަންކަން ހިންގާފައި ހުރި ނަމަވެސް، މި ސަރުކާރަށް ވެސް މިދިޔަ ސަރުކާރުގެ މެމްބަރުންގެ އެއްބާރުލުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު