ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

Main 20250812 092119

ބ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ގޮތުން އެ އަތޮޅުގެ އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވާދެއްވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އިމިގްރޭޝަންގެ އޮފީސް ހުޅުވުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާން އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، އަލްފާޟިލް އަޙުމަދު ފަސީޙްއެވެ. މީގެ އިތުރުން ވަޒީރުންނާއި، ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ އިތުރުން، އިމިގްރޭޝަންގެ އިސް ބޭފުޅުން ވެސް މި ރައްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮފީސް ހުޅުވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިމިގްރޭޝަންގެ އޮފީހަށް ވަދެވަޑައިގެން، އެ އޮފީސް ބައްލަވާލައްވާފައެވެ.

އަދި އެއަށްފަހު އޭދަފުށި އިމިގްރޭޝަން އޮފީހުން ވަނީ ފުރަތަމަ ފަހަރަށް ޕާސްޕޯޓު ދޫކުރައްވާފައެވެ. މި ޕާސްޕޯޓަށް އެދި ހުށަހެޅި ފަރާތަށް، އެ ޕާސްޕޯޓު ދޫކުރެއްވީ ވަޒީރު ޢަލީ އިޙުސާންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ބ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ފައްޓަވާފައިވާ ދަތުރުފުޅެކެވެ. އެގޮތުން އިއްޔެ ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން، އިއްޔެ އެ މަނިކުފާނު ވަނީ ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ އަދި ބ. އޭދަފުއްޓަށް ވަޑައިގެންފައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތަކެވެ. އެ މަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު، މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

އޭދަފުށީގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 12 އަތޮޅަކަށް މި ޚިދުމަތް މިވަނީ ފުޅާކުރެވިފައެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކުރިން ހާމަކޮށްފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު، މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި