ހުޅުމާލެ ވޯޓާ ތީމް ޕާކް ސައިޓް ތެރެއަށް ހުއްދަ ނެތި ވަން މީހަކު ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ދައުލަތުން ޅ. ހިންނަވަރު، ފެހިވިލު، އަބްދުﷲ ހައުޒާންގެ މައްޗަށް ކުރި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގައި ދައުލަތުން ވިދާޅުވެފައިވަނީ ހައުޒާން، 06 މާޗު 2022 ވަނަ ދުވަހުގެ 11:54 އެހާކަންހާ އިރު، ހުޅުމާލެ ވޯޓާ ތީމް ޕާކް ސައިޓު ތެރެެއަށް ހުއްދަ ނެތި ވަދެފައިވާ ކަމަށެވެ.
ދައުލަތުން ވަނީ ދައުވާ އިއްވައި ހައުޒާންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، އަންނާނެ އަދަބު ސާފުކޮށްދީފައެވެ. އެގޮތުން ދައުވާގެ އަދަބަކީ ހަތަރު މަހާއި 24 ދުވަސް ކަމަށާއި ނަމަވެސް އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެއްޖެނަމަ، އަންނާނެ އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ހައުޒާންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވަމުން ބުނެފައިވަނީ ދައުވާއަށް އިއުތިރާފުވާ ކަމަށެވެ.
އެހެންވެ އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން ދައުލަތުން ވިދާޅުވީ މި މައްސަލައިގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށާއި އަދަބު މަތިވާ ހާލަތެއް އޮތްތޯ ބަލާއިރު، އެފަދަ ހާލަތެއް އެބައޮތް ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެގޮތުން 2023 ފެބްރުއަރީ 16 ވަނަ ދުވަހު ހައުޒާންގެ މައްޗަށް ކުށެއް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އެހެންވެ ކުށުގެ އަދަބު އެއް ދަރަޖައަށް މަތިވާންޖެހޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެއް ދަރަޖަ މަތިވުމުން އަންނާނެ އަދަބަކީ ހަމަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ. ނަމަވެސް އިބްތިދާއީ މަރުހަލާގައި ހައުޒާން ކުށަށް އިއުތިރާފުވެފައިވާތީ އަދަބުގެ މިންވަރުން އެއް ދަރަޖަ ދަށްކުރުމުން އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައުޒާން ތަހުގީގުގައި 22 ގަޑިއިރާއި 28 މިނެޓަށް ބަންދުގައި ހޭދަކޮށްފައިވާތީ، އެއީ އެއް ދުވަސްކަމަށް ބަލައި ހައުޒާންގެ މައްޗަށް ހަތަރު މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން އެދުނެވެ. ހައުޒާންއަކީ މިހާރުވެސް އަދަބެއް ތަންފީޒު ކުރަމުންދާ މީހަކަށްވުމުން ޖޫރިމަނާގެ ފައިސާ ދެއްކޭނެ ވަސީލަތެއް އޮތްކަމަށް ނުބެލެވޭތީ ހަމައެކަނި ޖަލު އަދަބު ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ.
އަދަބާ ބެހޭގޮތުން ހައުޒާން އެއްވެސް ވާހަކައެއް ދައްކައިފައިނުވެއެވެ.
އެހެންވެ މާފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ހައުޒާން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ތަންފީޒު ކުރަންޖެހޭނެ ޖަލު އަދަބަކީ ހަތަރު މަހާއި 23 ދުވަސްކަމަށް ހުކުމުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު