ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮޑިޓް އޮފީހުން އަންގައިފި

1508998150
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) — ފޮޓޯ: ރާއްޖެ އެމްވީ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގައިފިއެވެ.

މީރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ޖުމުލަ 13.2 ބިލިއަން ރުފިޔާއަށް އަރައެވެ.

އެއީ ޓެކްސް އާމްދަނީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 6.55 ބިލިއަން ރުފިޔާ އަދި ނޮން ޓެކްސް އާމްދަނީ އާއި ޖޫރިމަނާގެ ގޮތުގައި 6.67 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުއްޔަށެވެ. އެ ރަށްރަށުގެ ޖޫރިމަނާއާއެކު ކުއްޔަށް ލިބެން ޖެހޭ ޖުމުލަ 5.9 ބިލިއަން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ އެންފޯސްމަންޓް ފިޔަވަޅުތައް ގަވާއިދުން އަޅަމުން ގެންދިއުމަށާއި ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅު އިތުރަށް ހަރުދަނާކުރުމަށް ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަދި އެންފޯސްމަންޓް އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދަންނަވާ ކަމަށެވެ.

ދައުލަތަށް ނުލިބި ހުރި ނޮން ޓެކްސް ފައިސާގެ އަދަދު، އަދި ހާއްސަކޮށް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ދަންނަވާ ކަމަށެވެ.

އަދި އެ ފައިސާ ހޯދުމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެޅޭނެ ފިިޔަވަޅުތައް ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ވެސް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަކީ އެހެނިހެން އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފައިސާ ކަމަށްވުމުން، އެ ފައިސާ ހޯދުމަށް އެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ފައިސާ ހޯދާނެ ގޮތުގެ މަގުޗާޓެއް ފިނޭންސް މިނިސްޓްރީގެ އިސްނެގުމާއެކު އެކުލަވާލައި ތަންފީޒުކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅުތައް އެޅުމުގައި މީރާއަށް ގޮންޖެހުންތަކެއް ހުރި އިރު، ޓެކުހާ ބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މީރާއަށް ބޮޑެތި ބާރުތަކެއް ދޭން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެ ބިލު ދިރާސާކުރުމުގެ މަސައްކަތް މިހާރު އޮތީ އިގުތިސާދީ ކޮމިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

mira

މީރާއަށް މިދިޔަ މަހު 3 ބިލިއަން ރުފިޔާގެ ރިކޯޑް އާމްދަނީއެއް

Mal

ސައީދުގެ ޒައާމަތުގައި އޮޅުވާލައިގެން ބާ ޖަނެރޭޓަރުތަކެއް ގަނެ 17.4 މިލިއަންގެ ބޮޑު ޚިޔާނާތެއް!

mudalu zakaai

ފުރަތަމަ އަށް މަހުގެ ތެރޭގައި މުދަލު ޒަކާތް ދެއްކި މިންވަރު އިތުރުވެ 82 މިލިއަނަށް އަރައިފި

TTH_advertisement