ރައްޔިތުންނަށް އަތްފޯރާފަށުގައި އަގުހެޔޮކޮށް ބޭސް ފޯރުކޮށްދިނުމަށްޓަކައި، ޑޮކްޓަރީ ބޭސް އުފެއްދުމުގެ މަސައްކަތް ފަށަން އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ތައްޔާރުވެއްޖެއެވެ.
މިކަން އިއުލާން ކުރެއްވީ އިންޑޮނޭޝިޔާ ސަރުކާރުގެ ޑިފެންސް މިނިސްޓަރ، މޭޖަރ ޖެނެރަލް ރިޓަޔރޑް ޑރ. ސަފްރީ ޖަމްސުއްދީންއެވެ.
އޭނާ ވިދާޅުވީ، އިންޑޮނޭޝިޔާ އަސްކަރިއްޔާއިން އުފައްދާ ޑޮކްޓަރީ ބޭސް، މިއަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބޭނޭ އިންތިޒާމު ހަމަޖައްސާނޭ ކަމަށެވެ.
އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހަކީ، އިންޑޮނޭޝިޔާ އަސްކަރިއްޔާގެ 79 ވަނަ އަހަރީ ދުވަހެވެ.
އިންޑޮނޭޝިޔާގެ އެއްގަމާއި، ކަނޑާއި އަދި ވައިގެ ސިފައިންނަށް ބޭނުންވާ ޑޮކްޓަރީ ބޭސް މިހާރުވެސް އުފައްދަނީ އަސްކަރިއްޔާގެ ލެބޯޓަރީތަކުންނެވެ.
އާންމުންނަށް އަގުހެޔޮކޮށް ޑޮކްޓަރީ ބޭސް ލިބޭނޭގޮތް ހެދުމަށް. އާންމުންނަށް ބޭނުންވާ ވަރަށް ބޭސް އުފެއްދުމަށްޓަކައި އަސްކަރިއްޔާގެ ލެބޯޓަރީތަކަށް ހުއްދަ ދިނުމާބެހޭ އެއްބަސްވުމެއްގައި އިންޑޮނޭޝިޔާގެ ފުޑް އެންޑް ޑްރަގް ސްޕަވައިޒަރީ އޭޖެންސީއާއި އަސްކަރިއްޔާއާ ދެމެދު ޖުލައިމަހުގެ 22 ވަނަ ދުވަހު ވަނީ ސޮއިވެސް ކޮށްފައެވެ.
ޑިފެންސް މިނިސްޓަރ ސަފްރީ ޖަމްސުއްދީން އެދުވަހު ނޫސްވެރިންގާތު ވިދާޅުވީ، އާންމުންނަށް ބޭނުންވާ ވަރަށް ޑޮކްޓަރީ ބޭސް އުފެއްދުމަށްޓަކައި އަސްކަރިއްޔާގެ މެޑިކަލް ރިސާޗް ސެންޓަރުތަކުގެ ކެޕޭސިޓީ އިތުރު ކުރެވޭނޭ ކަމަށެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ، އަސްކަރިއްޔާއިން އުފައްދާ ޑޮކްޓަރީ ބޭސް، އާންމު ފާމަސޫޓިކަލް ކުންފުނިތަކުން އުފައްދާ ބޭހަށްވުރެ ދެގުނަ އަގުހެޔޮވާނޭ ކަމަށެވެ.
އެކަމަކު، އިންޑޮނޭޝިޔާ އަސްކަރިއްޔާގެ މި ނިންމުމާމެދު އެކްސްޕާޓުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ޑޮކްޓަރީ ބޭސް އުފެއްދުމަށް ބޭނުންވާ ތަޖުރިބާއާއި، އެކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އަސްކަރިއްޔާގައި ހުރީ ކިހާ މިންވަރަކަށްތޯވެސް ސުވާލު ކުރަމުން ގެންދެއެވެ.
އަދި އަސްކަރިއްޔާއިން އުފައްދާ ޑޮކްޓަރީ ބޭސް، މިޒަމާނުގެ ބޭސް އުފެއްދުމުގެ މިންގަނޑުތަކަށް ފެތޭނެތޯވެސް ސުވާލު ކުރަމުން ގެންދެއެވެ.
އިންޑޮނޭޝިޔާގެ އަސްކަރިއްޔާގެ ވެބްސައިޓްގައިވާގޮތުން، އަސްކަރިއްޔާގެ ލެބޯޓަރީތަކުން ތަފާތު ތަހުލީލުތައް ކުރުމަށްފަހު މިހާރުވެސް 44 ބާވަތެއްގެ “އިންޓަރނަލް” ބޭނުމަށް ބޭނުންކުރާ ބޭސް އުފައްދައެވެ.
އޭގެ ތެރޭގައި، ޕެރަސެޓްމޯލްގެ ބާވަތްތަކާއި، ޕެއިން ކިލަރސްއާއި އެންޓިބަޔޮޓިކްސް ފަދަ ބޭސްތައް ހިމެނެއެވެ.
މީގެތެރެއިން އާންމުންނަށް ވިއްކުމަށް އުފައްދާ މިންވަރު އިތުރުކުރާނީ ބޭހުގެ ކޮން ބާވަތްތަކެއް ކަމެއް، ޑިފެންސް މިނިސްޓަރ ސަފްރީ ޖަމްސުއްދީން ވިދާޅެއް ނުވެއެވެ.
ނަމަވެސް، އޭނާ ވިދާޅުވީ، އަސްކަރިއްޔާގެ މަގްސަދަކީ ވީހާވެސް ކުޑަ އަގަކަށް ބޭސް ލިބޭނޭގޮތް ހެދުން ކަމަށާއި، އަދި ވިސްނުން ހުރީ އަގު ހެޔޮކުރަމުންގޮސް ރައްޔިތުންނަށް ހިލޭ ބޭސް ލިބޭނޭގޮތް ހެދުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު