ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ލަންކާގެ ރައީސްގެ އަރިހަށް ދިފާޢީ ވަޒީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، ކަނޑު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މަޝްވަރާތައް ކުރެއްވިއެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިދާއިރާއިން ދެ ޤައުމު ދެމެދު ގުޅުން ބަދަހިކޮށް، މިހާރު އެކުލަވާފައިވާ ފްރޭމްވޯކްތައް އިތުރަށް ވަރުގަދަ ކުރުމަށާއި ދެ ޤައުމު ގުޅޭ ސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްވަރާތައް ކުރެވިފައިވެއެވެ.
ރާއްޖެއާއި ލަންކާ ދެމެދު ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވާއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުރެވޭ މަަސްވެރިކަން ހުއްޓުވުމަށް ލަންކާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސް ވަނީ މި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުންތަކުގައި އަރުވާފައެވެ.
ދެދުވަހުގެ މުއްދަތަށް ލަންކާގެ ރައީސް ކުރައްވާ، ދަތުރުރުފުޅުގައި، މުހިންމު ދައިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ޤައުމު ދެމެދު މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު