ނެދަރލޭންޑްސްއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ، އިސްރާއީލުގެ ފޮރިން މިނިސްޓްރީއަށް ހާޟިރުކޮށް، ނެދަރލޭންޑްސް ސަރުކާރުގެ ނިންމުމަށް ރަސްމީކޮށް ފާޑުކިޔައިފިއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް، ނެދަރލޭންޑްސް ސަރުކާރުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ހާޟިކުރީ، އިސްރާއީލުގެ ސަރުކާރުގެ ދެ މިނިސްޓަރަކު ނެދަރލޭންޑްސްއަށް އެރުން މަނާކުރުމާ ގުޅިގެންނެވެ.
ނެދަރލޭންޑްސް އެމްބަސެޑަރ ހާޟިރުކޮށް، ގިޑިއޮން ސާރްވަނީ، ނުރުހުން ފާޅުކޮށް، ޝަކުވާކޮށް، އެފަދަ ފިޔަވަޅުތަކެއް އަޅަންޖެހުނު ސަބަބު ސާފުކޮށްދޭން އެދިފައެވެ.
ނެދަރލޭންޑްސް ސަރުކާރުން އެގައުމަށް އެރުން މަނާކުރި ދެމީހުންނަކީ، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓަމަރ ބެން-ގްވީރާއި، ފިނޭންސް މިނިސްޓަރ ބެޒަލެލް ސްމޮރިޗެވެ.
މިދެމީހުން ނެދަރލޭންޑްސްއަށް އެރުން މަނާކުރީ، ފަލަސްތީނު މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ޔަހޫދީ ވަޒަންވެރިންނަށް ހިތްވަރުދެމުން ގެންދިއުމާއި، ޣައްޒާގެ ބިންތައް ހިންފައި ޣައިރުގާނޫނީ އާބާދީތައް ހެދުމަށް ތަކުރާރުކޮށް ގޮވާލަމުންދިއުމާއި، ޣައްޒާގެ ނަސްލުނައްތާލަން ފާޅުގައި ގޮވާލަމުން ގެންދާތީއެވެ.
މީގެއިތުރުން، އިސްރާއީލުން ނެދަރލޭންޑްސްއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރވެސް، ނެދަރލޭންޑްސްގެ ފޮރިން މިނިސްޓްރީއަށް ހާޟިރުކޮށް، ޣައްޒާގައި ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ސުވާލުކޮށްފައި ވެއެވެ.
ނެދަރލޭންޑްސްގައި މިހާރު އޮތް ވަގުތީ ސަރުކާރުގެ ފޮރިން މިނިސްޓަރ ކެސްޕަރ ވެލްޑްކެމްޕް، ޕާލަމެންޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވަން މަޖުބޫރުވެވަޑައިގެންނެވީ، ޣައްޒާގެ ހާލަތު ކެތްނުކުރެވޭ މިންވަރަށް ގޯސްވުމާއި، އަލުން ރަނގަޅު ނުކުރެވޭނެ މިންވަރަށް ކަންކަން ގޯސްވާންފެށުމާ ގުޅިގެން ކަމަށެވެ.
އިސްރާއީލު އެމްބަސެޑަރ، ނެދަރލޭންޑްސްގެ ފޮރިން މިނިސްޓްރީއަށް ހާޟިރުކޮށް ނެދަރލޭންޑްސް ސަރުކާރުންވަނީ، އިސްރާއީލުން ޣައްޒާއާމެދު ކަންތައް ކުރަމުންދާގޮތް ބަދަލުކުރުމަށާއި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކަށް އަމަލުކުރަން އިސްރާއީލަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ.
ޚަބަރުތައް ބުނާގޮތުގައި، އިސްރާއީލާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ހަދާފައިވާ އެސޯސިއޭޝަން އެގްރީމެންޓްގައި ހިމެނޭ ޓްރޭޑް ސެކްޝަން ސަސްޕެންޑްކުރުމަށް މަސައްކަތް ކުރަންވެސް ނެދަރލޭންޑްސްއިން ވަނީ ނިންމާފައެވެ.
މީގެއިތުރުން، އިސްރާއީލަށް ހަތިޔާރު ވިއްކުމަށް ހަދާފައިވާ އެތައް ހުއްދައެއް އަލުން އިސްލާހް ކުރާނޭ ކަމަށްވެސް ފޮރިން މިނިސްޓަރ ކެސްޕަރ ވެލްޑްކެމްޕް ވިދާޅުވެފައި ވެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރަން ނެދަރލޭންޑްސްއިން ހުއްދަ ދިނުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު