ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

މާލޭގެ ވަށައިގެންވާ ތޮށި މަރާމާތުކުރުމަށް ޖަޕާން ސަރުކާރުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފި

ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ ވަށައިގެން ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާނުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައި އެކަމާގުޅޭ “އެކްސްޗޭންޖް އޮފް ނޯޓްސް”ގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާން ސަރުކާރުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯއެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގެ ވަށައިގެންލާފައިވާ ތޮށި މަރާމާތުކުރުމަށް ޖަޕާނުން ރާއްޖެއަށް 10.5 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައިވަނީ މާލޭގެ ވަށައިގެންލާފައިވާ ތޮށީގެ މުހިއްންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އެތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބުނު ރައްކާތެރިކަމަކީ މާލޭ ވަށައިގެންލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ރައްކާތެރިކަމެއް ކަމަށްވެސް ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޚާރިޖީ ވަޒީރު ވިދާޅުވީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަޙައްދަކަށް ރާއްޖެއިން ތާއީދުކުރާކަން ތަކުރާރު ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޚާރިޖީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

1987 ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އަރާ ލިބުނު ގެއްލުމަކީ، މާލެއަށް ކުރިމަތިވި މޫސުމީ އެންމެ ބޮޑު އެއް ކާރިސާއެވެ. މި ކާރިސާގައި އެތައް ބައެއްގެ މުދަލަށް ގެއްލުން ލިބުނެވެ. މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް މާލޭގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކޮށްފައިވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެއްގަމު ތޮށި ޑިޒައިންކުރުމާއި، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ 1993 އިން 2002 އާއި ދެމެދުއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ELL Mobile Advertisement TTH_advertisement