މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލަކާއި ޝަރަފެއްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތުފުޅަކަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތެއްގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވަނީ ޖުލައި 25 އަދި 26 ވަނަ ދުވަހަށެވެ.
އެ ޒިޔާރަތާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ޖުލައި 25 ވަނަ ދުވަހު ރާއްޖެއަށް ވަޑައގަންނަވާނެ ކަަމަށެވެ. އަދި ރައީސްގެ ދައުވަތަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައިވެސް ވިދާޅުވިއެވެ.
އަދި މި އަހަރު ރާއްޖެއާއި އިންޑިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަޖކުރާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ރައީސް މުޢިއްޒުއާއެކު ކުރިއަށްގެންދަވާ މަޝްވަރާގެ ތެރެއިން ދެ ގައުމުގެ މެދުގައި، ތަފާތު އެކި ދާއިރާތަކުން ގާއިމުވެފައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
މިއީ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށްފަހު ރާއްޖެއަަށް މޯދީ ޒިޔާރަތްކުރެއްވިއެވެ. އެއީ އެ އަހަރުގެ ޖޫން މަހުއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯދީގެ މި ދަަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާއި މޯދީ ބައްދަލުކުރައްވައި މަަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްގެންދަވާނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގެ އިތުރަށް ސަރަހައްދީ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރަށް މި ދަަތުރުފުޅުގައި އިންޑިޔާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބަައެއް މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާވަނިވި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މޯދީގެ މި ޒިޔާރަތަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އިންޑިޔާއާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ދިމާވާ ޒިޔާރަތަކަށްވާތީ މިއީ ވަރަށް މުހިއްމު ތާރީހީ ޒިޔާރަތަކަށްވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު