ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ. ނަތީޖާއާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ އޮގަސްޓް މަހުގެ 3ވަނަ ދުވަހެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލައިފައިވަނީ 500 ފުރުޞަތެވެ.
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމުގެ ފުރުސަތު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. އަދި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، މިއަހަރު ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ. އަދި މި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް މިހާރު އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި، އެޕްލިކޭޝަންގެ “ސްޓޭޓަސް” ބަދަލުވެއްޖެނަމަ އެކަންވެސް މެސެޖަކުން ދަރިވަރުންނަށް އަންގަމުންދާނެކަމަށެވެ. އަދި ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ނުހޮވޭ ދަރިވަރުން ނުހޮވުނު ސަބަބުވެސް ވެބްސައިޓުން ބެލޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މިކަމާއި ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެ ވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުގެ 13:00އެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ޕައިލެޓް ސްޓަޑީސް ހެދުމަށް ހުޅުވާލާފައިވާ 10 ޖާގައަށް ޝަރުތު ހަމަވި ދަރިވަރުންނާއި، އެހެނިހެން ދާއިރާތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް “ޝަރީޢާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު