ޒަޔަނިސްޓު އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާފައިވާ، ޣައްޒާގެ މަޝްހޫރު ޑޮކްޓަރު ހުސާމް އަބޫ ސާފިއާގެ ސިއްހީ ހާލަތު ވަރަށް ނާޒުކު ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރު ހުސާމް އަބޫ ސާފިއާ އަކީ، ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރުގެ އިތުރުން، މަޝްހޫރު ޕީޑިއެޓްރިޝަންއެކެވެ.
ޒަޔަނިސްޓު އިސްރާއީލުން ޑޮކްޓަރު ހުސާމް އަބޫ ސާފިއާ ހައްޔަރުކޮށްގެން ގެންދިޔައީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ކަމާލް އަދްވާން ހޮސްޕިޓަލް ރެއިޑްކުރުމަށްފަހުއެވެ.
ހޮސްޕިޓަލް ރެއިޑް ކުރުމަށްފަހު ޑރ. އަބޫ ސާފިއާގެ އިތުރުން، ހޮސްޕިޓަލްގެ މެޑިކަލް ސްޓާފުންނާއި، އަދި އެވަގުތު އެޑްމިޓްކޮށްފައި ތިބި ބައެއް ބަލިމީހުންވެސް ހައްޔަރުކޮށްގެން ގެންދިޔައެވެ.
އަދި އޭގެފަހުން، ކަމާލް އަދްވާން ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރު ކުރިއެވެ. ރެއިޑްކުރުމުގެ ކުރިން ޒަޔަނިސްޓު ސިފައިންވަނީ ހޮސްޕިޓަލަށާއި، ހޮސްޕިޓަލް ކައިރިއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.
ޒަޔަނިސްޓުން ހަމަލާދީ އަދި އޭގެފަހުން ރެއިޑްކޮށް ބަންދުކުރިއިރު، އެ ހޮސްޕިޓަލަކީ ޣައްޒާގައި އުތުރުގައި ސިއްހީ ޚިދުމަތް ދެމުން އައި ހަމައެކަނި ބޮޑު ހޮސްޕިޓަލެވެ.
ޑޮކްޓަރު ހުސާމް އަބޫ ސާފިއާގެ ގާނޫނީ ވަކީލު ބުނެފައިވަނީ، ޒަޔަނިސްޓު ސިފައިން ހައްޔަރު ކޮށްގެން ބަންދުކުރި ފަހުން، ޑރ. އަބޫ ސާފިއާގެ ހަށިކޮޅުން 40 ކިލޯ ލުއިވެފައިވާ ކަމަށެވެ.
އިސްރާއީލުން ޑރ. އަބޫ ސާފިޔާ ހައްޔަރުކޮށްގެން ގެންގުޅެނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ އޮފަރު ޖަލުގައެވެ.
ގާނޫނީ ވަކީލު ވިދާޅުވީ، އިސްރާއީލު ސިފައިން މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހު ޑރ. އަބޫ ސާފިއާގެ ގައިކޮޅުގައި 30 މިނެޓްވަންދެން ވަރަށް ބޮޑަށް ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ. އަނިޔާކުރުމުގެ ސަބަބުން މޭކަށިތައް ބިނދި، މޫނަށާއި، ބޮލަށާއި، ބުރަކަށްޓަށްވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އޭގެކުރިންވެސް، ޒަޔަނިސްޓުންވަނީ ޑރ. އަބޫ ސާފިއާއަށް ޖަލުގައި ބޮޑެތި އަނިޔާތައް ކޮށްފައެވެ.
އެމީހުން ތުހުމަތު ކުރަނީ، ޑރ. އަބޫ ސާފިއާއާ ހަމާސްއާ ގުޅުން އޮންނަ ކަމަށެވެވެ. ނަމަވެސް، އެ ތުހުމަތުތައް، ޑރ. އަބޫ ސާފިއާއާއި، އާއިލާއާއި އަދި ފަލަސްތީނުންވެސް ދޮގު ކުރެއެވެ.
އަނިޔާތަކުގެ ސަބަބުން ހިތްޕުޅުގެ ހިނގުން އަވަސްވެފައިވާތީ، ކާޑިއޮލޮޖީ ޓެސްޓް ހެދުމަށާއި، އަދި ސިއްހީ ފަރުވާއަށް އެތައް ފަހަރަކު އެދިފައިވީ ނަމަވެސް، އިސްރާއީލުން އެ ފުރުސަތު ނުދިން ކަމަށް، ޑރ. އަބޫ ސާފިއާގެ ގާނޫނީ ވަކީލު ވިދާޅުވެފައި ވެއެވެ.
އަދި ކުރިންފަހަރެއްގައި ކުރި ޒިޔާރަތުގައި ގާނޫނީ ވަކީލު ގެންގޮސްދިން ނަންބަރު އައިނުވެސް ޒަޔަނިސްޓުން ހަލާކުކޮށްލާފައިވާ ކަމަށް، ގާނޫނީ ވަކީލު ވިދާޅުވިއެވެ.
ޒަޔަނިސްޓުން، ޑރ. ހުސާމް އަބޫ ސާފިއާ ބަންދުކޮށްފައި ހުނަނީ ޖަލުގައި ބިމުއަޑީގައި ހަދާފައިވާ އެކަހެރި ގޮޅިއެއްގައެވެ. އެއީ، އަވިވެސް ނުލިބޭގޮތަށް ހަދާފައިވާ ގޮޅިއެކެވެ.
ގާނޫނީ ވަކީލުވަނީ، ޑރ. އަބޫ ސާފިއާގެ އިތުރުން، އެ ޖަލުގައި ތިބި ފަލަސްތީނު އެހެން ގައިދީންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ބުނެ އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު