ޖުލަައި މަހުގެ މިހާތަނަށް މަސްވެރިންނަށް 21.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ. އެ ކުނފުނިން މީޑިޔާއާ ހިއްސާކުރި ހިސާބުތަކަަށް ބަލާއިރު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަަށް 21،463،787 (އެކާވީސް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަަތޭކަ އަށްޑިހަ ހަަތް) ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވެއެވެ.
މި މަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
1 ޖުލައި: 1.3 މިލިއަން
2 ޖުލައި: 1.5 މިލިއަން
3 ޖުލައި: 3.5 މިލިއަން
4 ޖުލައި: 3.6 މިލިއަން
5 ޖުލައި: 3.5 މިލިއަން
10 ޖުލައި: 4.1 މިލިއަން
11 ޖުލައި 934،124 ރުފިޔާ
12 ޖުލައި: 2.7 މިލިއަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހައި ރުފިޔާ ދޫކުރުމާއެކު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކޮންމެ މަހަކުވެސް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
އެމްއެމްއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 19،005.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރުގެ އެ މުއްދަތުގައި 31،300.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. އެއީ 64.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ އެ މުއްދަތުގައި ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ތާޒާކޮށް އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން ކަޅުބިލަމަސް ބޭރުކުރި މިންވަރެވެ. ނިމުނު އަހަރު 15،948 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއިރު މި އަހަރު 24،742 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ.
މަސް ބޭރުކުރި މިންވަރުގެ އިތުރަށް މަސް ކިރުވި މިންވަރުވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ކިރުވާފައިވަނީ 26،904 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު 16.7 އިންސައްތަ ނިމުނު އަހަރަށްވުރެ އިތުރުވެ، ޖުމްލަ 31،409 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ބޭރުކުރި މަހުގެ އަގުވެސް ނިމުނު އަހަރުގެ އެ މުއްދަތުގައި ބޭރުކުރި މަހުގެ އަގަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ޖަނަވަރީން އޭޕްރީލު މަހުގެ ނިޔަލަށް ބޭރުކުރި މަހުގެ ޖުމްލަ އަގަކީ 37 މިލިއަން ޑޮލަރު ނުވަތަ 570 މިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް 52.5 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 809.55 މިލިއަން ރުފިޔާގެ މަހެވެ. އެއީ 42.1 އިންސައްތައިގެ އިތުރުވުމެކެވެ.
ކިޔުންތެރިންގެ ހިޔާލު