ޣައްޒާގެ ގާޒާ ސިޓީގެ އިތުރުމަތީ ސަރަހައްދުންތަކުން ބޯފެން މުޅީން ހުސްވެ، އެއްވެސް ވަރަކަށް ބޯފެން ނުލިބޭތާ ހަފްތާއެއް ވެއްޖެމަމަށް ޣައްޒާ މުނިސިޕަލްޓީން ބުނެފިއެވެ.
ޣައްޒާ މުނިސިޕަލްޓީގެ ތަރުޖަމާނު އާސިމް އަލްނަބީ ވިދާޅުވީ، ބޯފެން އެއްކޮށް ހުސްވެ، ބޯނޭ ފެންފޮދެއް ނުލިބި އެތައްހާސް އާއިލާ ހާލުގައި ޖެހިފައިވާ ކަމަށެވެ.
ބޯނޭ ފެންފޮދެއް ނުލިބި، އެހިސާބުތަކުގެ އާންމުންގެ ހަށިގަނޑުން ފެންހިނދި ނިކަމެތިވާން ފަށާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ބޭރުގެ ބާރެއް މެދުވެރިވެގެން މެނުވީ، ގާޒާ ސިޓީގެ އިރުމަތީގެ ސަރަހައްދުތަކަށް ބޯފެން ލިބޭނޭ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަޔަނިސްޓު އިސްރާއީލު ސިފައިން 2023 ވަނަ އަހަރުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، ޣައްޒާގައި ހުރި ބޯފެން އުފައްދާ ހުރިހާ ޕްލާންޓަކަށްހެން ވަނީ ބޮންއަޅައި ގޮއްވާލާފައެވެ.
އަދި ސަލާމަތުން ހުރި ޕްލާންޓައް ވިއްޔާ، ކަރަންޓު ނެތުމުގެ ސަބަބުން ފެން އުފެއްދޭނޭ ގޮތެއްވަނީ ނެތިފައެވެ.
ޣައްޒާގެ އުތުރުގެ ބައެއް ސަރަހައްދުތަކުން މިހާރު ކޮންމެ މީހަކަށް ލިބެނީ ދުވާލަކަށް 31 ލީޓަރުގެ ބޯފެނެވެ. ޣައްޒާގެ އުތުރުން މީހަކަށް ލިބެނީ 43 ލީޓަރުގެ ފެނެވެ.
ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އޭޖެންސީން އިއްޔެވެސްވަނީ، ތެލަކީ ޣައްޒާގެ ދިރިހުރުމަށް އެންމެ ޟަރޫރީ އެއް ބާވަތް ކަމަށާއި، ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ ފުރުސަތު ދޭން ގޮވާލާފައެވެ.
ހޮސްޕިޓަލް ޖަނަރޭޓަރުތައް ހިންގުމަށާއި، އެމްބިއުލެންސް ދުއްވުމަށާއި، ބޭކަރީތައް ހިންގުމަށާއި އަދި ފެން ޕަމްޕްތައް ހިންގުމަށްވެސް ތެޔޮ ވަރަށް މުހިންމު ކަމަށް އޭޖެންސީން ބުނެފައި ވެއެވެ.
ނުވިތާކަށް، ނަޖިސް ފެނާއި، ސާފު ނޫން ފެން ބޭނުންކުރަން ޖެހުމުގެ ސަބަބުން ޣައްޒާގައި ތަފާތު ބަލިމަޑުކަން އާންމުވަމުންދާ ކަމަށްވެސް، ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ހުކުރު ދުވަހު ވިދާޅުވެފައިވަނީ، ޣައްޒާގެ ރައްޔިތުންގެ ދިރިތިބުމުގެ އެންމެފަހު ރޮދިފަށަކީ ތެޔޮ ކަމަށެވެ. ކުޑަކުދިން ލާފައިތިބޭ އިންކިއުބޭޓަރު ހިންގުމަށާއި، ބަލިމީހުންނާއި، ޒަޚަމްވާ މީހުންނަށް އެހީތެރިވުމަށް އެމްބިއުލެންސް ދިއުމާއި، ބޯފެން ސާފު ކުރެވޭނީވެސް ތެޔޮ ލިބިގެން ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސާނީ އުސޫލުތަކުގެ ތެރޭގައި ބިނާވެފައިވާ ސާފު އަދި ސާބިތު ޕްލޭނެއް އދގައި އެބައޮތް ކަމަށެވެ. އެކަން ކުރުމަށް އދއަށް ފުރުސަތު ދިނުމަށްވެސް ގޮވާލައްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު