ކަނޑުމަތީގެ ހާދިސާއެއްގައި މީގެ ފަސް އަހަރު ކުރިން ގެއްލުނު ބ. އޭދަފުށީ/ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ.
ނަސްރުﷲ ގެއްލުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ގައި ބ. އަނގަފަރު ފަޅު ކައިރިން އޭނާ އާއި އިތުރު ދެ މީހަކު ތިބި ޑިންގީއާއި ލޯންޗެއް ޖެހި ހިނގި ހާދިސާގައެވެ.
ނަސްރުﷲ ހޯދުމަށް ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ. ނަމަވެސް ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން އޭނާ އިން ޑިންގީ ކަނޑު އަޑިން ނެގިއެވެ.
ނަސްރުﷲ ގެ މައްޗަށް އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ހަމަޖެހިފައިވަނީ މާދަމާގެ ހުކުރު ނަމާދަށްފަހުއެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައިވަނީ އޭދަފުށީގެ ސުލްތާން މުހައްމަދު މުއީނުއްދީނާއި މަސްޖިދު ޔޫސުފް އަދި މަސްޖިދު މުހައްމަދު އަލީގައެވެ.
ނަސްރުﷲ ގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވަނީ، އޭނާގެ އާއިލާގެ ފަރާތުން ހުށަހަޅައިގެން އޭނާގެ މަރު މިދިޔަ އޭޕްރިލް މަހު އޭދަފުށީ ކޯޓުގައި ސާބިތުކޮށްފައިވާތީއެވެ.
ދާދިފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު