މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ގޯތީގެ ލިޔެކިޔުންތައް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިއީ އޭދަފުށިން 36 އަހަރުގެ ދިގު މުއްދަތަކަށްފަހު ދޫކުރެވުނު ގޯތިތަކެވެ.
އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައީ 2019 ވަނަ އަހަރުއެވެ. އެ ދުވަސްވަރު ކައުންސިލުން ނިންމީ 1400 އަކަފޫޓުގެ 158 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ގޯތި ދޫކުރުމުގެ އުސޫލުގައި ހުރި މައްސަލަތަކާ ގުޅިގެން ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ އެންގުމަކަށް މި މަސައްކަތް ވަގުތީުތީގޮތުން މެދުކަނޑާލަން ޖެހުނެވެ.
2020 ވަނަ އަހަރު އައު އުސޫލެއްގެ ދަށުން ގޯތި ދޫކުރުމުގެ މަސައްކަތް އަލުން ފެށުނެވެ. މި ފަހަރު 158 ގޯއްޗަށް 662 ފަރާތަކުން ކުރިމަތިލިއެވެ. ނަމަވެސް، އާންމު ފަރާތަކުން އުސޫލާ ޚިލާފަށް ގޯތި ދޫކުރާކަމަށް ބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މި މަސައްކަތްވެސް ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ.
މި މައްސަލަ ނިމުމަށްފަހު، ކައުންސިލުން ނިންމީ އިތުރު އައު އުސޫލެއްގެ ދަށުން 183 ގޯތި ދޫކުރުމަށެވެ. މީގެ އިތުރުން، ވީހާވެސް ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ގޯތީގެ ސައިޒު 1400 އަކަފޫޓުން 1200 އަކަފޫޓަށް ކުޑަކުރެވުނެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލުމުން 525 ފަރާތަކުން ކުރިމަތިލިއެވެ.
ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތުލެވުނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުންނެވެ. އަދި ޕޮއިންޓް އެއްވަރުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލެވުނީ ލިސްޓުގައިވާ ތަރުތީބުންނެވެ. ގޯތި ލިބުނު ފަރާތްތަކަށް ރަސްމީ ލިޔެކިޔުންތައްވެސް ހަވާލުކުރެވުނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، ކޮންމެ ޢާއިލާއަކަށްވެސް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި، އަމިއްލަ ގޯއްޗެއް ލިބުމުން އޭދަފުށީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
“މިއަދު ގުރުއަތުލުމުގެ ތެރެއިން ލިބޭ ގޯތިތަކަކީ އެތައް ބައެއްގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދާނެ ކަމެކެވެ. އަދި އިޖްތިމާޢީ އެތައް މައްސަލައަކަށް ޙައްލު ލިބި، ޢާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެކެވެ,” ފާތިޙު
ފާތިޙު އިތުރަށް ވިދާޅުވީ، ގުރުއަތުލުމަށްފަހު ގޯތި ލިބުނު ފަރާތްތަކަށް ދޫކުރެވުނު ލިޔުމުގައިވާ ގޮތުގެ މަތިން، ކައުންސިލުން އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޯތިތަކުގެ އިމުގެ ކަންމުޑި އަޅައިދޭން ފަށާނެ ކަމަށެވެ.
3500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. އޭރު ދޫކުރެވުނީ 659 ގޯއްޗެވެ. ބިން ފުރި، ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން، 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރުގެ ބިިން އެ ރަށުން ހިއްކާފައެވެ.
އޭދަފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުންވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ގޯތި ދޫކުރުމުގެ މަސައްކަތަކީ އޭދަފުށީގެ ރައްޔިތުންނަށް އިންތިޒާރުކުރަމުން އައި ވަރަށް މުހިންމު ކަމެކެވެ. މިއީ އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މި ގޯތިތައް ލިބުމުން ގިނަ ޢާއިލާތަކަށް އަމިއްލަ ގެދޮރު އިމާރާތްކުރުމުގެ ފުރުޞަތު ލިބި، އެ ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު