އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ވަޒީރު ބައިވެރިވެވަޑައިގެން، “10 އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން”، މި މައުޟޫއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުން ހިއްސާކުރައްވާނެއެވެ. މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވަޒީރު ވާހަކަފުޅު ދައްކަވާނެއެވެ.
މި އަހަރުގެ ބައްދަލުވުމުގެ ތީމަކީ “ތަރައްޤީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމެ” އެވެ. މިއީ އޭ.އައި.އައި.ބީގެ އިސްތިރާޖީ އަމާޒު ދައްކުވައިދޭ ތީމެކެވެ. އެއީ ތަރައްޤީއަށް ބޭނުންވާ ގުޅުވައިލުމާއި ކުރިއެރުން ހާސިލުކުރުމުގައި އިންފްރާސްޓްރަކްޗަރގެ ދައުރާއި، ތަރައްޤީގެ ގޮންޖެހުންތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.
މި އަހަރުގެ ބައްދަލުވުމަކީ ބޭންކަށް 10 އަހަރު ފުރުން ފާހަގަކުރާ އިވެންޓެކެވެ. މިއީ ބޭންކުގެ މުސްތަޤްބަލާ މެދު މަޝްވަރާކޮށް، ބޭންކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިންމު ފުރުސަތެކެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީ އަށް އާ ރައީސަކު އިންތިޚާބުކުރުން ވެސް އޮންނާނެއެވެ.
ތިން ދުވަހުގެ މި ބައްދަލުވުމުގައި 3,500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން، ބޭންކުގެ ހަތަރު ތަނބު ކަމަށްވާ ގްރީން އަދި ދެމެހެއްޓެނިވި ފައިނޭންސިންގ، ބޯޑަރު ހުރަސްކޮށް ގުޅުވައިލުން އަދި ސަރަހައްދީ ގުޅުން، އަމިއްލަ ފަރާތްތަކުގެ ފައިސާގެ ބޭނުން ހިފުން، ޑިޖިޓަލް ބަދަލުވުން އަދި ސްމާޓް އިންފްރާސްޓްރަކްޗަރއާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
އޭ.އައި.އައި.ބީ އަކީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. މިއީ މެންބަރު ގައުމުތަކުގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް އުފައްދާފައިވާ ބޭންކެކެވެ. ފުރަތަމަ 57 ގައުމުގެ ބައިވެރިވުމާއެކު މި ބޭންކު އުފެއްދީ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއި، އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އޭ.އައި.އައި.ބީން ވަނީ ވަރަށް ބޮޑަށް ކުރިއަރާ، ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ދުނިޔޭގެ ކޮންމެ ބައްރަކުން ވެސް ޖުމްލަ 110 މެންބަރު ގައުމާއެކު އޭ.އައި.އައި.ބީ މަސައްކަތްކުރެއެވެ. މި މެންބަރު ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ 80 އިންސައްތައަށް ވުރެ ގިނަ މީހުންނާއި، ދުނިޔޭގެ ޖުމްލަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިންވަރު ހިއްސާކުރާ ގައުމުތަކެވެ.
ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އޭ.އައި.އައި.ބީއިން ވަނީ 38 ގައުމެއްގައި 300 އަށް ވުރެ ގިނަ މަޝްރޫޢަށް 60 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ސާފު ހަކަތަ، ދަތުރުފަތުރުގެ ނެޓްވޯކްތައް، ފެނުގެ ނިޒާމްތައް އަދި ޑިޖިޓަލް ގުޅުވައިލުން ހިމެނެއެވެ.
ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި، އޭ.އައި.އައި.ބީގެ ފައުންޑިންގ މެންބަރެކެވެ. އޭ.އައި.އައި.ބީން ވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައި އޭ.އައި.އައި.ބީގެ 10 ވަނަ އަހަރީ ބައްދަލުވުން ކުރިއަށް ދާނީ ޖޫން 24 އިން 26 އަށެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު