ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ސިޔާސީ ހުރިހާ ލީޑަރުންނަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ތައުރީފް ކުރައްވައިފިއެވެ.
މިއަދު އޮތް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބައްދަލްވުމުގައި ވާހަކަ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމުގައި މިއަދު ސިޔާސީ ހަމަޖެހުން އެބައޮތް ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތްތަކުން ހޯދުނު ކާމިޔާބީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުުވީ ސިޔާސީ ލީޑަރުންނަށް ބިރު ދައްކާ އެ ބޭފުޅުން ހަައްޔަރު ކުރާ މަންޒަރު މިއަދު ނުފެންނަ ކަމަށެވެ. އަދި މިނިވަންކަމާއެކު ހުރިހާ ލީޑަރުންނަށް ވެސް ސިޔާސީ މަސައްކަތް ކުރެވެން އެބަ އޮތް ކަަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރައްވާ ގޮތުގައި އެއީ ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލެކެވެ.