“މޯލްޑިވްސް ޓޫނާ ރޭސް” ގެ ނަމުގައި ބޮޑެތި ފައިސާގެ އިނާމުތަކާއެކު ބާއްވާ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ، ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިންނަށް ޚާއްޞަކޮށްގެން، ރާއްޖޭގެ ކެޔޮޅުންގެ ލޮބީގެ ފަރާތުން އިންތިޒާމުކުރާ ޚާއްޞަ ހަރަކާތެކެވެ.
މި އަހަރުގެ ޑިސެންބަރު މަހުގެ 5 އާއި 6 އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، 24 ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދެވޭ މުބާރާތެއްކަމަށް ކެޔޮޅުންގެ ލޮބީން މަޢުލޫމާތު ދެއްވާފައިވެއެވެ. މީީގެ އިތުރުން، މި މުބާރާތަކީ ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތެކެވެ. އަދި މި އަހަރުން ފެށިގެން، ކޮންމެ އަހަރަކުވެސް ޚާއްޞަ އިނާމުތަކާއެކު މި މުބާރާތް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށް ކެޔޮޅުންގެ ލޮބީން ހާމަކުރައްވާފައިވެއެވެ.
މޯލްޑިވްސް ޓޫނާ ރޭސްގެ ވަނަތަކާއި އިނާމުތައް:
އެންމެ މަތިން ކިލޯ ކިރާ އޮޑިއަށް 100,000 ރުފިޔާ (1 ވަނަ)
ދެވަނައަށް އެންމެ މަތިން ކިލޯ ކިރާ އޮޑިއަށް 50,000 ރުފިޔާ (2 ވަނަ)
ތިންވަނައަށް އެންމެ މަތިން ކިލޯ ކިރާ އޮޑިއަށް 25,000 ރުފިޔާ (3 ވަނަ)
އެންމެ ކުރިން މުބާރާތް ނިންމާ އޮޑިއަށް 5,000 ރުފިޔާ
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ ޖުލައި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރީ ކުރަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ލޮބީގެ އިދާރާއަށް ނުވަތަ އެ ޖަމްޢިއްޔާގެ އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެ ކަމަށް ލޮބީން އަންގަވާފައިވެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ލިބިފައިވާ އޮޑިފަހަރަށް ކަމުގައިވެސް ލޮބީން މަޢުލޫމާތު ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު