ހަ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.
ނޮން-ރެސިޑެންޓް ސަފީރުން ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވީ، ފަލަސްތީނުގެ އިތުރުން، ޔޫގާންޑާ، ގްރީސް، ޑެންމާކް، ޒިމްބާބްވޭ އަދި އުޒްބަކިސްތާނުންނެވެ.
މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޤައުމުތަކުގެ ނޮން-ރެސިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އައު ނޮން-ރެސިޑެންޓް ސަފީރުން މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެ މަރުޙަބާ ދަންނަވައިފައެވެ.
ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް.
ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން.
އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް.
ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހާ އެކްސަލަންސީ އަލީކީ ކޫތުސޮމިޓޮޕޫލޫ.
ޔޫގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޑް ސަފީރު، ހަރ އެކްސަލަންސީ ޕްރޮފެސަރ ޖޮއިސް ކަކުރާމަޓްސީ ކިކާފުންޑާ.
ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޑް ސަފީރު، ހާ އެކްސަލަންސީ ސްޓެލާ އެންކޯމޯ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުތަކުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ޤައުމުތަކާއި ރާއްޖެއާ އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ވަކިވަކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު