މި ސަރުކާރުން ބާރު އަޅަނީ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ޢީދު ފާހަގަކުރެއްވުމަށް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޢީދުގެ އުފާ ފާޅުކުރުމުގައި ސަރުކާރުން ތަރްޙީބު ދެއްވާ ގޮތަކީ ކޮބައިތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ވަޒީރު މައިގަނޑު ދެ ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢީދު ފާހަގަކުރެއްވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި މި ވަނީ ޢީދަކީ އިސްލާމީ މަތިވެރި އިޙްތިފާލަކަށް ވާތީކަމެވެ. އެހެންކަމުން އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކޮށް އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫޙު ވީހާ ވެސް ބޮޑަކަށް އާލާކުރުމަކީ ސަރުކާރުން ވަރަށް ތަރުޙީބުދޭ ކަމެކެވެ. ހަމަ އެހެންމެ ސަގާފީ ކުޅިވަރުތައް ކުޅޭ އިރު އޭގެ ދިވެހި އަސްލު ގޮތުގައި ކުޅުމަށް ވުޒާރާއިން ހިތްވަރު ދެއްވާކަން ފާހަގަ ކުރެއްވިއެވެ. މި ގޮތުން އިހުގެ ބައެއް ކުޅިވަރުތައް ދިވެހީން އޭރު ކުޅެއުޅުނު ގޮތުގެ ބައެއް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދިވެހި ބައެއް ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުން ކުޅެ އެޅުނު ކުޅިވަރުކަމެވެ. އޭގެ ތެރޭގައި ތާރަ، މަންގަލަން، ދިގުމަގުނެގުން، އަދި މަލިކު ދަނޑި ހިމެނެއެވެ. އަނެއްބައި ކުޅިވަރު ތަކަކީ އަންހެނުންގެ ކުޅިވަރެވެ. އޭގެ ތެރޭގައި މިހާރު ބައެއް ރަށްރަށުން އުވިގޮސްފައިވާ ބަނޑިޔާޖެހުން ހިމެނެއެވެ. މީގެ އިތުރަށް ބޮޑު ބެރަކީ ފިރިހެނުންގެ ގުރޫޕު ކުޅިވަރެއްކަމާއި އަންހެނުން ވެސް ވަކިން ގުރޫޕު އުފައްދައިގެން ވަރަށް މަދު ރަށެއްގައި ވަކިން މި ކުޅިވަރު ކުޅެ އުޅުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް ކުލަ ޖެހުމަކީ ވެސް މިހާރު ކުރާ އާންމު ކަމަކަށް ވާއިރު، ވަޒީރު ވިދާޅުވީ އެއީ ވެސް އިހު ދިވެހީންގެ ސަގާފަތުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެ ޒަމާނުގައި ބޮޑު ޢީދަކީ ފެންކުޅި ކުޅޭ ޢީދެއް ކަމަށާއި، ކުލަ ކުޅުމަކީ ކޮށް އުޅުނު ކަމެއް ނޫން ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެހާރާއި މިހާރުގެ ބައެއް ތަފާތުތަކުގެ މައްޗަށް ތާރީޚީ ގޮތުން ވެސް އަލިއަޅުއްވައިލައްވައިފައެވެ.
ސަރުކާރުން ޤައުމީ ފެންވަރެއްގައި މި އަހަރުގެ ބޮޑު އީދު ތިން ރަށެއްގައި ފާހަގަ ކުރާނެ އެވެ. އެއީ ލ.ގަމާއި ހއ.ކެލާގެ އިތުރުން ކ.ގުރައިދޫގަ އެވެ.