ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންސާނީ އެހީ ބެހުމުގެ ނަމުގައި އާންމުން މަރާ މައްސަލައިގެ ތަހްގީގު ވަގުތުން ފެށުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

އިންސާނީ އެހީ ބެހުމުގެ ނަމުގައި އާންމުން މަރާ މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގަން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް ގޮވާލައްވައިފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާ މިލެއްވީ، އެމެރިކާގެ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން، ނިމުނު މެއިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، އެހީ ބަހާ ހުރިހާ ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު މީހުންގެ ގަޔަށް ބަޑިޖަހައި މަރަމުންދާ މައްސަލައިގައެވެ.

ރަފަހްގައި އެހީ ބަހާ ސައިޓްގައި މިއަދުވެސް ވަނީ 27 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އޭގެ ދެދުވަސްކުރިން 35 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެއެވެ.

އަދި ވޭތުވެދިޔަ 8 ދުވަހުގެ ތެރޭގައި، އިންސާނީ އެހީ ބަހާ ޕޮއިންޓްތަކުގައި ޒަޔަނިސްޓު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރުވަނީ 102 އަށް އަރާފައެވެ. ޒަޚަމްކޮށްލި މީހުންގެ އަދަދު 400 އިން މައްޗަށް އަރާފައި ވެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެހީ ހޯދަން ގޮސްތިބޭ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގުޓިއަރޭޒް ވަނީ، މިކަންކަން އަވަސް އަދި މިނިވަންގޮތެއްގައި ތަހުގީގުކޮށް، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ.

އިންސާނީ އެހީ ހޯދަން ގޮސްތިބޭ ޣައްޒާގެ އާންމުންގެ ގަޔަށް ޒަޔަނިސްޓުން ބަޑިޖަހައި މަރަމުންދާ މައްސަލާގައި އދގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

ހަނގުރާމައިގެ މައްސަލާގައި ބާއްވާ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި