ހުޅުމާލެއަކީ މާލީ މަރުކަޒަކަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ މިވަގުތަށް އެންމެ އެކަށީގެންވާ އަދި އިސްތިރާޖީ ފިޔަވަޅެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.
އެވާހަކަފުޅަށް އިޝާރާތްކުރައްވައި ކުރެއްވި ޕޯސްޓްގައި ވަޒީރު ޒަމީރު ވިދާޅުވީ މާލީ ވުޒާރާގެ ދަށުން މިމެއި މަސް ތެރޭގައި އިފްތިތާހްކުރެވުނު މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ)އާއެކު ހުޅުމާލެއަކީ މާލީ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ، މާލީ ނިޒާމު ވަރުގަދަކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް މަގުފަހިކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ސިޔާސަތުގެ ސަބަބުން ރާއްޖެއަކީ މި ސަރަހައްދުގެ ވާދަވެރި މާލީ މަރުކަޒަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދީ ކުރިމަގަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު