މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހާއްސަކޮށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” މިއަދު ފަށައިފިއެވެ.
“އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މުބާރާތް އިފްތިތާހުކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ކަރެކްޝަންސް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަރެކްޝަންސް އިން ބުނީ އެ މުބާރާތް އިންތިޒާމުކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުން ކަމަށާއި އެފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ގައިދީންގެ އުޅުމާއި އަހުލާގަށް ހެޔޮ ބަދަލު އައިސް، އިސްލާހުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. އެގޮތުން އެ ސާވިސްއިން އަންނަނީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ގައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމައުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕޮރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރުވަމުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެ މުބާރާތާ ގުޅޭގޮތުން ގައިދީންގެ ޝުއޫރު ފާޅުކުރަމުން އެމީހުން ބުނީ މިފަދަ ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުމީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުން މުހިންމު ކަމަށެވެ.

އެ މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. އެ މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާ އިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. އެ މުބާރާތުގައި އެކި ގައުމުތަކުގެ ބައެއް ގައިދީންނާއެކު ޖުމުލަކޮށް 114 ގައިދީން ބައިވެރިވެފައިވެއެވެ.
އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ހާއްސަ ލަވައެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިފްތިތާހުކޮށްދެއްވާފައިވެއެވެ. އަދި ބައިވެރިންގެ ފަރާތުން މިނިސްޓަރަށާއި ޝަރަފުވެރި މެހެމާން، ޕީޖީ އައްބާސް ޝަރީފަށް ހަދިޔާއެއްގެ ގޮތުން އަތްތެރި މަސައްކަތުން ހަދާފައިވާ ދެ ޓުކުރި އެރުވިއެވެ.
އެ މުބާރާތުގެ ބައިވެރިންނާ މުހާތަބުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޖަލުގައި ހުންނަ ވަގުތުކޮޅު ހޭދަކޮށްފައި ޖަލުން ނުކުމެގެން ދާއިރު ޒިންމާދާރު އަދި އެ ބަޔަކަށްޓަކައި އެންމެން ފަހުރުވެރިވާ، އަދި އާއިލާތައްވެސް ފަހުރުވެރިވާ ފަދަ ބަޔަކަށް ހެދުމަށްޓަކައި އެފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގޭ ކަމަށާއި އެ މުބާރާތުގައި އެހާ ފުރިހަމައަށް ބައިވެރިވެފައިވާތީ އެއީ، މި މަސައްކަތުގެ ކާމިޔާބީއެއް ކަމަށެވެ.

ގޮޅިތަކަށް އަނބުރާ ގޮސް ދެން ތިބޭ މީހުންނަށްވެސް އެކަންކަމުގައި ބައިވެރިވުމަށް ބާރުއަޅައި، ޖަލުތެރޭގައި ހޭދަކުރާ މުއްދަތަކީ ދެފަރާތަށްވެސް ފަސޭހަކޮށް، އެންމެން ގުޅިގެން އެއްދިމާލަކަށް މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްކޮށް، ވިސްނައިދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް ޒަރީރު ވާހަކަދައްކަވަމުން މުބާރާތް އިންތިޒާމުކުރި މާފުށީ ޖަލަށާއި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ސާވިސްގެ މަސައްކަތަކީ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބި ފަރާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 80 އިންސައްތައަކީ އުމުރުން 35 އަށްވުރެ ހަގު މީހުން ކަމަށާއި އެއީ މި ގައުމުގެ މުސްތަގުބަލް ކަމަށެވެ.
އުންމީދަކީ ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމުތަކެއް ހިންގިގެން ޖަލުން ސަލާމަތްވެ، މުޖްމައުއަށް ހިދުމަތްކުރާނެ ބަޔަކަށް ހެދުން ކަމަށް ކޮމިޝަނަރު ޒަރީރު ވިދާޅުވިއެވެ.