މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރަން ފަށައިފިއެވެ.
މިދިޔަ މަހުގެ 27 ގައި ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އާއި ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ. އެ ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮމިޝަންގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށާއި މިއަދާ ހަމައަށް، އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް ވެސް ދާދިފަހުން ކޮމިޝަނުން ވަނީ ތައާރަފުކޮށްފައެވެ. އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ނަމަ، ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލުކުރެވެން ހުރެއެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށެވެ.
ކޮމިޝަން އުފެއްދެވުމަށް ރައީސް ނެރުއްވި ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.
ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ވެސް ހިމެނެއެވެ. އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު