މާލޭގައި ދިރިއުޅޭ 21 އަހަރުގެ ޒުވާން އަންހެނެއްކަމުގައިވާ ހައްވާ ޔުމްނު، އޭޕްރިލް 18 ވަނަ ދުވަހު ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްސަ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެފައިވަނީ، އެ ކޮމިޝަންގެ މަސައްކަތްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިއަދު ބޭއްވުނު ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވިގޮތުގައި، ކޮމިޝަނަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ފެށިފައިވުމާއެކު، ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކުރައްވަމުންދާ ކަމަށެވެ. އެގޮތުން އިއްޔެވެސް އެއް މުއައްސަސާއަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުވެސް އެހެން މުއައްސަސާއަކާއެކު މަޝްވަރާތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.
“މިއީ ވަރަށް ޚައްސާސް މައްސަލައެއް. އެހެންކަމުން ކޮމިޝަންގެ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމައި، ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅައި، ލަފާއަރުވަންޖެހޭ ފަރާތްތަކަށް ލަފާއެރުވުން،” ޑރ. މުނައްވަރު ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތްތަކަށް އެހެން ފަރާތެއްގެ ނުފޫޒު ނުފޯރާނެކަމުގެ ކިހާ ޔަގީންކަމެއް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޑރ. މުނައްވަރު ވިދާޅުވީ، އޭނާއަކީ ނުފޫޒު ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން އޭނާ ދަންނަ ގިނަ މީހުންނަށް އެނގޭނެކަމަށެވެ.
“އެހެންވީމާ މިނިވަންކޮށް ކަންކަން ބެލުމަށް ހަމަ ގައިމުވެސް އަޅުގަނޑުގެ މައްޗަށް ނުފޫޒު ހިންގުން ފަސޭހަ ކަމަކަށް ނުވާނެ. އެކަމުގެ ޔަގީންކަން އެބައޮތް. ދެން ތިބި ބޭފުޅުންގެ އިންޓެގްރިޓީއާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ސުވާލެއް ނާދޭ. އަޅުގަނޑުގެ ބެލުމުގެ ދަށުން މި މަސައްކަތް ގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބޮތް މި ފުރިހަމައަށް މިނިވަންކޮށް ގެންދެވޭނެކަން،” ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތް މިނިވަންކޮށް ނުގެންދެވި، އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވޭނަމަ، އިސްތިއުފާ ދެއްވާނެކަމަށެވެ.
“މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖެއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒް، އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫންގޮތަކަށް ނުފޫޒަށް ކަމެއް ނިންމަންޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން. އެއީ އަޅުގަނޑަށް ދެވޭނެ ޔަގީންކަމަކީ،” ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކޮމިޝަނުގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ޑޮކްޓަރ މޫސާ މުރާދު، ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އާންމުންގެ ނުރުހުން އެ މުއައްސަސާއަށް އަމާޒުވެގެން ދިޔުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.