މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުން ދޫކުރުމަށް ހައިކޯޓުން އަމުރު ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ޒަހަމުކޮށްލައިގެންނެވެ.
އަނަސް މަރާލި މައްސަލައިގައި، ކުޑަކުއްޖަކު ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. މައްސަލައިގައި ހިމެނޭ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އޭނާގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އެއީ މ. ލޮނުމިދިލިގެ/ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ/ އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ދިމިޝްގު/ އުސްމާން ޝަރީފްގެ މައްޗަށެވެ.
އޭގެ އިތުރުން ލ. ގަން، ތުނޑީ/ ނަންނާރިގެ، ނައިހު އަބްދުﷲ އާއި ސ. ފޭދޫ/ ވެސްޓަންވިލާ. ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746/ ސިމާހު މޫސާ އަދި ތ. ކިނބިދޫ/ ގުލްފާމުގެ، މުހައްމަދު ޝާޒް އަދި ލ. ގަން/ ތުނޑި ޖުނައިހު އަބްދުﷲ ގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ފެބްރުއަރީ 2024 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 މެއި 2024 ގައެވެ.
ދައުލަތުން ވަނީ ހައިކޯޓުގައި އެ މީހުން ބަންދު ކުރުމަށްވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވަނީ އެ މީހުން ބަންދުކުރުމުގެ އަމުރެެއް ނެރެ ނުދިނުމަށެވެ.
ހައިކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ މާޗު މަހުއެވެ. ސުޕްރީމް ކޯޓުގައި މިއަދު އޮތީ މައްސަލައިގެ ހުކުމް އިއްވުމެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، މައްސަލައިގެ ރައުޔުގައި ވިދާޅުވީ ކުށް ސާބިތުނުވާ މައްސަލަތަކުގެ އިސްތިއުނާފު ނިމެންދެން ދައުވާ ލިބޭ މީހުން ބަންދުކުރުމުގައި އަމަލުކުރަންވީ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުގައި އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ބަންދުކުރެވޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ބުނެ ދައުވާ ލިބޭ މީހުން ބަންދުން ދޫކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި މީހުން މެރުމުގެ ކުށް ބަޔާންކޮށްފައިވާ ކަމަށާއި އެ މާއްދާގައިވާ ގޮތުން، ތުހުމަތުކުރެވޭ ފަރާތަށް ދެކޮޅަށް އެކަށީގެންވާ ހެކި، ހެކި ފޮރުވުމުގެ އިހުތިމާލު ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވާނެކަމުގެ އިހުތިމާލު އޮތް ނަމަ އެފަދަ މީހަކު ބަންދުކުރެވޭނެ ކަމަށެވެ. އަދި އެފަދަ މީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ނަމަވެސް އެފަދަ މީހަކު ބަންދުކުރަންވާނެ ކަމަށް ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ރިޔާސަތުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކުރެއްވިއެެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
އެހެންވެ މި މައްސަލައިގައި އައުލަބިއްޔަތުން ކުރި ހުކުމުގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މި މައްސަލައިގެ ތުހުމަތުވާ މީހުން ބަންދުން ދޫކުރުމަށް ހައިކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ ހައިކޯޓުގެ ނިންމުން ބާތިލުކޮށް މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ތަހުވީލުކުރާ ކަމަށް ހުކުމްކުރެއްވިއެވެ.