މި މަހުގެ 18 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން، ގުޅުންހުރި އެންމެހައި ފަރާތްތަކުގެ ބަޔާން ނަގައި ތަޙުޤީޤު ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލްފާޟިލް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ހެންވޭރު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު އަންހެނާ، މަސްތުވެފައި ހުރެ އަމިއްލައަށް ވެއްޓުނު ކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ، ފުލުހުން ވަނީ އިތުރު ތަފްސީލު ހިއްސާކޮށްފައެވެ.
އިސްކަންދަރު ކޮށީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ އެހެނިހެން މައްސަލަތަކުގައިވެސް ޢަމަލުކުރާ އުސޫލުން ކަމަށާއި، އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވި ގޮތުގައި، ހެންވޭރު ފެންޓެނޯއީ ގޭ އިންވެގެންވާ ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާ ކަމަށް އާންމު ފަރާތަކުން ރިޕޯޓުކުރީ ހުކުރު ދުވަހުގެ ހެނދުނު 7:30 ހާއިރު ކަމަށެވެ. އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ 8:00 ގައި ކަމަށް ސީ.ޕީ ފާހަގަކުރެއްވިއެވެ. އޭގެ ފަހުން، އެ އަންހެނާގެ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށުނު ކަމަށާއި، ފުލުހުންގެ ރެކޯޑުތަކުގައި ނެތް މީހަކަށްވާތީ، އޭނާގެ ޢާއިލާ ދެނެގަތުމަށް ވަގުތު ހޭދަވި ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަންހެނާގެ ކާކުކަން ދެނެގަތުމާއެކު ވަގުތުން ޢާއިލާއަށް މަޢުލޫމާތު ހިއްސާކުރެވުނު ކަމަށްވެސް ސީ.ޕީ ހާމަކުރެއްވިއެވެ.
އޭގެ ފަހުން، ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ފެށި ކަމަށާއި، ވަށައިގެންވާ ސަރަޙައްދު ބަލައި، އަންހެނާ ވެއްޓުނު ތަނާއި އިމާރާތުގެ އެސެސްމަންޓެއް ހެދި ކަމަށާއި، އިމާރާތުގެ ވެރިފަރާތާ ގުޅައި ވީޑިއޯ އަދި އިތުރު މަޢުލޫމާތު ހޯދި ކަމަށްވެސް ސީ.ޕީ ވިދާޅުވިއެވެ.
މި މަރުޙަލާގައި އެނގުނު ގޮތުގައި، ހުކުރު ދުވަހުގެ ފަތިހު އެ ގޭގައި އަންހެނާއާއެކު އިތުރު މީހަކު ހުރި ކަމަށާއި، އެއީ ރައުދު އައުދު އަޙްމަދު ޒިލާލް ކަމަށް ދެނެގަނެވުނު ކަމަށް ސީ.ޕީ ހާމަކުރެއްވިއެވެ. އއޭގެ ފަހުން، ރައުދު އަޙްމަދު ޒިލާލް ހޯދައި، އޭނާގެ ފަރާތުން އިތުރު މަޢުލޫމާތު ހޯދަން ފެށި ކަމަށްވެސް ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.
ކުށެއް ހިނގާ ނިމިފައިވާ ހާލަތެއްގައި، ކުށުގެ ސީނަކުން ނުވަތަ ނިމިފައިވާ ކަމަކާ ގުޅިގެން މީހަކު ހޯދާނަމަ، ކޯޓު އަމުރެއް ހޯދަންޖެހޭ ކަމަށާއި، އެ ހިސާބުން ރައުދު އަޙްމަދު ޒިލާލްގެ ޕާސްޕޯޓު ހިފެހެއްޓިފައިވާ ކަމަށްވެސް ސީ.ޕީ ހާމަކުރެއްވިއެވެ.
އޭނާއާ ސުވާލުކުރުމުން، އިތުރު 7 މީހަކު އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނު ކަން އެނގުނު ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން، އެ އެންމެންގެ ކާކުކަން ދެނެގަނެ، ބަޔާން ނަގާފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ރާއްޖެއިން ބޭރަށް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފފައިވާ ކަމަށްވެސް ސީ.ޕީ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ ތަޙުޤީޤު ކުރިއަށްދާ ގޮތާއި، އިތުރު ހޯދުންތަކާ ބެހޭ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ޤާނޫނީ އިމުގެ ތެރެއިން އެންމެ އިންސާފުވެރި ގޮތުގައި ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފުލުހުން މަސައްކަތްކުރާނެ ކަމަށްވެސް އެ ޚިދުމަތުން ޔަޤީންކޮށްދީފައިވެއެވެ.