އދ. ދަނގެތީގައި އައު އިންޖީނުގެއަކާއި، ކަސްޓަމްސް ސަރވިސް ޢިމާރާތެއް އަދި އިންޖީނުގޭގެ ވަށާފާރު އެޅުމުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ހެޑް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޙުސައިން ތަސްމީންއެވެ.
މި މަޝްރޫޢަކީ 14 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ދަނގެއްޗަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވެފައި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓުގެ ބޭނުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި އިންޖީނުގެ ނިމި، ބޭނުންކުރަން ފެށުމުން، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދެވި، އޭގެ ފައިދާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) ވިދާޅުވި ގޮތުގައި، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. އަދި މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެކެވެ. ދަނގެއްޗަކީ ޚާއްޞަކޮށް ޓޫރިޒަމަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި، މިއަދުގެ މި އެއްބަސްވުމާއެކު، އެ ފަރާތްތަކަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުޢާވިޔަތު ރަޝީދު ވިދާޅުވި ގޮތުގައި، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. މިއީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެކެވެ. މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަޙައްދުގައި ޢިމާރާތްކުރަން ނުފެށި ހުއްޓިފައިވާ ކަމަށާއި، ނަމަވެސް މި މަޝްރޫޢުގެ ސަބަބުން މި މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ބިން ދަތިކަން ހުރި ނަމަވެސް، އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސި ކަމަށްޓަކައި ދަނގެތީ ކައުންސިލަށާއި ކައުންސިލްގެ ރައީސަށް ޝުކުރު ދެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ އައު އިންޖީނުގެއާއި ކަސްޓަމްސް ސަރވިސް ޢިމާރާތުގެ ސަބަބުން، ދަނގެތީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާވެ، ރަށުގެ އިޤްތިޞާދީ ދުވެލި އަވަސްވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުންތަކެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު، އިތުބާރުހުރި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ދަނގެތީގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ އިތުރުން، މުޅި އަރިއަތޮޅު ދެކުނުބުރީގެ ތަރައްޤީއަށްވެސް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު