ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، މި ބަދަލު ގެނެވުނީ މާލޭގެ ގިިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ގިނަ ވަގުތު ހޭދަވާތީއެވެ. އެހެންކަމުން، މިހާރު ކައުންސިލުން ފާސްކޮށްފައިވާ ކުރެހުމެއް ނެތްނަމަވެސް، އިންޖިނިއަރު އަދި އާކިޓެކްޓުގެ ސްޓޭމްޕް ޖަހާފައިވާ ކުރެހުމެއް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ނަމަވެސް، ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލުއި ދެވުނު ނަމަވެސް، އިވެލުއޭޝަން މަރުޙަލާގައި ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން ހުށަހަޅަންޖެހޭނެއެވެ. މި ލުއި ދެވިފައިވަނީ ހިޔާވަހި ސްކީމުގެ ދަށުން ހުށަހަޅާ ހުރިހާ ފަރާތްތަކަށްކަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް، އަގުހެޔޮކޮށް ފޯރުކޮށްދެވޭ ފައިނޭންސިންގ ޕްރޮގްރާމެކެވެ. މި ސްކީމު ކުރިއަށް ގެންދެވެނީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން، 5% ފައިދާގެ ރޭޓުގައެވެ. މި ސްކީމުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި ސްކީމުގެ ދަށުން:
– ރަށްވެހި ފައިނޭންސިންގ ސްކީމުން އަތޮޅުތަކުގެ ރަށްރަށަށް 1 މިލިއަން ރުފިޔާ
– ސަހަރު ފައިނޭންސިންގ ސްކީމުން އަރބަން ސެންޓަރުތަކަށް 3 މިލިއަން ރުފިޔާ
– ފަހިމާލެ ފައިނޭންސިންގ ސްކީމުން މާލެ ސަރަޙައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ.
އަދި މާލެ ސަރަޙައްދުގައި، ގޭގެ ބެހެނިވެރިންނާއެކު 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެ ގޮތަށް އުސޫލު ވަނީ އެކުލަވާލެވިފައެވެ.
މި އަހަރުގެ ބަޖެޓުގައި ހިޔާވަހި ފައިނޭންސިންގ ސްކީމަށް 1 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. ސަރުކާރުން މި 1 ބިލިއަން ރުފިޔާ ބޭންކުތަކަށް އިންވެސްޓްކުރުމުން، ބޭންކުތަކުން ޖުމްލަ 2 ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
މި ސްކީމުގެ ދަށުން ކުރެހުން ހުށަހެޅުމުގެ އުސޫލަށް ގެނެވުނު ލުއިތަކާއެކު، ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ. މި ބަދަލަކީ ސްކީމުގެ އިދާރީ މަރުޙަލާތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ސަރުކާރުން މި ގެނައި ބަދަލާއެކު، ހިޔާވަހި ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ. މި ބަދަލަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.