ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން، ތ. ވިލުފުށީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 14 ވަނަ ދުވަހު ވިލުފުށީ ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާނެވެ. މި ރަސްމިއްޔާތުގައި، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގެ ބައެއް އިސްވެރިންނާއި ވިލުފުށީ އިދާރާތަކުގެ ވެރިންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިން ބައިވެރިވިއެވެ.
މި މަހު 12 އިން 14 އަށް ކުރިއަށް ގެންދިޔަ މި ކޭންޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި، ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަކަށް މަގު ދައްކައިދިނުމުގެ އިތުރުން ދަރިވަރުންނަކީ ހަރުދަނާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް މި ކޭންޕުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މައިންބަފައިންނާއި ތިމާއަށްވުރެ ބޮޑެތި މީހުން އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމުކުރުމާއި ވާހަކަދެއްކުމުގައި ބަސްމަގު ތަރުތީބު ކުރަންވީގޮތާއި ދީނީކަންކަމަށް ސަމާލުކަން ދިނުމާއި ވަގުތަށް ކަމޭހިތުމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ކަންކަން ދަސްކޮށްދީ އަދި ދިރިއުޅުމުގެ މައިދާނަށް ލޯހުޅުވައި ހޭލުންތެރިކުރުވުމަށް ތަފާތު އެކި މައުލޫމާތު ދީފައިވެއެވެ.
މި ކޭންޕުގައި، ވިލުފުށީ ސްކޫލުގެ ގްރޭޑް 8 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ޖުމުލަ 90 ދަރިވަރުން ބައިވެރިވިއެވެ. މި ކޭންޕު ކުރިއަށް ގެންދިޔައީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކުގައެވެ.
މި އަހަރުގެ ކްރައިމް ޕްރިވެންޝަން ޕާޓްނަރުންނަަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބެންކު އޮފް މޯލްޑިވްސް އަދި ޕްރޮކްސީ ޝޯރޫމެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. ސްކޫލު ދަރިވަރުންގެ އަހުލާގު ހެޔޮގޮތުގައި ބައްޓަންކުރުމާއި ދަރިވަރުންނަކީ މުޖުތަމައު ބަލައިގަންނަ ދަރިވަރުންތަކެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުރާވަރު ކޭމްޕުގެ އިތުުުރު ކޭމްޕުތައް މިއަހަރު ވެސް އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.