އައްޑޫސިޓީ ގައި ޔުނިޓީ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ޔުނިޓީ ފުޓްސަލް ޗެލެންޖްގެ 2 ވަނަ އެޕިސޯޑް އަންނަ އަހަރުގެ މާރިޗްމަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ކަން އިޢުލާންކޮށްފައިވަނީ މި އަހަރުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝާއިޢުކުރުމާއެކުގައެވެ.
ޔުނިޓީ ފައުންޑޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އަހަރުގެ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެކެވެ. އަދި އަންނަ އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި މިހާރުއްސުރެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.
މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. “ޝީޝާ – ޔުނިޓީ ފުޓްސަލް ޗެލެންޖް 2025” ގެ ނަމުގައި ބޭއްވުނު މި މުބާރާތުގެ ފައިނަލް މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ކްލަބް ރަސްގެދަރައިންނެވެ. ފައިނަލްގައި ވާދަކުރި އަނެއް ޓީމް ކަމަށްވާ އެސްކޭޕީ ޔުނައިޓެޑް ވަނީ ރަނަރަޕް ޓީމުގެ މަޤާމު ހޯދާފައެވެ.
މުބާރާތުގައި ޖުމްލަ 8 ޓީމް ވާދަކޮށްފައިވާއިރު، މުބާރާތާ ގުޅޭ އެންމެހާ މަޢުލޫމާތު footballmaldives.com އިން ލިބެން ހުންނާނެ ކަމަށް ޔުނިޓީ ފައުންޑޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ބައިވެރިވި ޓީމްތަކުގެ މަޢުލޫމާތާއި، ވަކިވަކި ކުޅުންތެރިންގެ މަޢުލޫމާތު، މުބާރާތުގެ ޝެޑިއުލް، ގޯލްޖެހި ކުޅުންތެރިންގެ މަޢުލޫމާތު އަދި ލައިވް ކަވަރޭޖްގެ ލިންކުތައް ހިމެނެއެވެ.
ޔުނިޓީ ފައުންޑޭޝަނުން އިތުރަށް ފާހަގަކޮށްފައިވަނީ މުބާރާތުގެ ފޯރި އިތުރަށް ގަދަކުރެވޭނީ ބައިވެރިވާ ޓީމްތަކުގެ ފެންވަރު މަތިވެގެން ކަމަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މުބާރާތަށް ޓީމްތަކުން ދުރާލާ ތައްޔާރުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.
މި މުބާރާތަކީ ރާއްޖޭގެ ފުޓްސަލް ކުޅުމުގެ ފެންވަރު މަތިކުރުމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ފުރުޞަތު ހޯދައިދިނުމަށް ބާއްވާ މުހިންމު މުބާރާތެއް ކަމަށް ފާހަގަކުރެވެއެވެ. އަންނަ އަހަރުގެ މުބާރާތަށް ގިނަ ބަޔަކު ޝައުޤުވެރިވާނެ ކަމަށް ބެލެވެއެވެ.