
ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް، “އަހާ” ގެ ފަސް ވަނަ ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ.
“އަހާ”ގެ ކުރީގެ ފޯރަމްތަކެކޭ އެއްފަދައިން މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

“އަހާ: 5 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
-
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
-
ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
-
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
-
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
-
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ ފަސް ވަނަ ފޯރަމެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.







ކިޔުންތެރިންގެ ހިޔާލު